އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ކުރަނީ އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީކަމަށް އެޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕުން އައްޑު އަތޮޅަށް ކުރައްވާ ދަތުރު ފެއްޓެވުމުގެ ކުރިން އެއާޕޯޓުގައި ތިއްބަވައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މަސައްކަތް ކުރަނީ އެއީ ވެރިކަން ކުރާ ޕާޓީއަށް ވާތީ އިންތިހާބީ ރައީ ޑރ. މުއިއްޒުގެ ލަފާފުޅެއްގެ މަތިން ކަމަށެވެ.
"ރައީސް ޑރ. މުއިއްޒުގެ މެސެޖުގަ ވެސް އޮންނާނެ. ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތްކޮށްދެއްވާށޭ އެކަމަކު ޕީއެންސީއަށް 10،000 މެންބަރުން ހަމަކުރެއްވުމަށް ޕީޕީއެމްގަ ހުރި މެންބަރަކު ޕީއެންސީއަށް ބަދަލުނުކުރައްވާށޭ" އަބްދުއްރަހީމް ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒު ކާމިޔާބުކުރެއްވި އިރު އެޕާޓީގައި ތިބީ 3022 މެންބަރުންނެވެ. އަބްދުއްރަހީމް ވިދާޅުވީ، އަމާޒަކީ ޕީއެންސީގައި 10،000 މެންބަރުން ހަމަކުރުން ކަމަށެވެ.
ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް ޕީޕީއެމްގެ މެންބަރުން ޕާޓީ ބަދަލުކުރުމަށް ކޯލިޝަނުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނުވެސް ދެކޮޅުހައްދަވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ރައީސް ޔާމީނުވެސް ވިދާޅުވީ، ޕީޕީއެމްގެ މެންބަރުން ޕީއެންސީއަށް ބަދަލުވާކަށް ނުޖެހޭނެއޭ. އެއީ އަޅުގަނޑުމެންގެ ދެޕާޓީއަކީ އެއް ފިކުރަކަށް ވާތީ" އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީއެންސީގެ ފަސްފަހަތް
ޕީޕީއެމް/ޕީއެންސީއަކީ ދެ ޕާޓީއެއް ނަމަވެސް ޖޮއިންޓް ކައުންސިލެއް އޮވެގެން އެއް ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ ކޯލިޝަނެކެވެ.
ޕީޕީއެމަކީ ޔާމީނުގެ ބޭބޭފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ އުފެއްދެވި ޕާޓީއެކެވެ. ޔާމީނުގެ ވެރިކަމުގައި ދެބެއިންގެ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކަށް ފަހު، ޕާޓީގެ ސުލޫކީ ކޮމިޓީން މައުމޫން ޕާޓީގެ މެންބަރު ކަމުން ވަކިކުރީ އެވެ. އޭރު މެންބަރަކު ޝަރީއަތަށް ދިޔައީ މައުމޫން ވަކިކުރީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނެ އެވެ. އަދި ޔާމީނަށް ޕާޓީގެ ލީޑަރުކަން ދިނީ ގޯސްކޮށް ކަމަށް ބުނެ އެވެ.
ޕީއެންސީއަކީ އޭރު ޝަރީއަތުގައި އޮތް މައްސަލަ ނިމިގެންދާ ގޮތަކުން ޕީޕީއެމްގެ ބާރު ޔާމީނަށް ގެއްލިދާނެ ކަމުގެ ބިރުވެރިކަން އޮތުމުން އެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން އުފެއްދި ބެކްއަޕް ޕާޓީއެކެވެ.
އޭގެ ފަހުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި ފުރަތަމަ ނިންމެވީ ވެސް ޔާމީނެވެ. ނަމަވެސް އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއް އޮތުމުން ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.
ޔާމީނަށް ވާދަނުކުރެވޭ ހާލަތަށް ތައްޔާރުވުމުގެ ގޮތުން ވެސް ބެކްއަޕް ޕާޓީ، ޕީއެންސީން ކެންޑިޑޭޓެއް ނެރުމަށް ނިންމެވި އެވެ. ޕީއެންސީގެ ކެންޑިޑޭޓު މުއިއްޒަކީ އެއިރު ޔާމީނަށް ވާދަނުކުރެވޭނެ ހާލަތަކަށް ތައްޔާރުވި ބެކްއަޕް ކެންޑިޑޭޓެކެވެ.












