ކުރީގެ ރައީސް އަބްދުﷲ ޔާމީނު، ޕީޕީއެމްގެ އޮފީހުގައި ބޭއްވެވި ދެ ބައްދަލުވުމުން، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ނުފެނުނީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމަކަށް ނުދިއުމުގެ މަގުސަދެއް އޮވެގެން ނޫން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް އައްޑުއަށް ކުރާ ދަތުރު ފެށުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވި އިރު "އަދަދު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއް ރަހީމް ވިދާޅުވީ ޕީޕީއެމްގެ އޮފީހަށް ޔާމީނު ފުރަތަމަ ވަޑައިގެންނެވި ރޭ، އިންތިހާބީ ރައީސް ޑރ.މުހައްމަދުި މުއިއްޒުގެ ބައްދަލުވުމެއް ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ކަމަށެވެ. އެ ބައްދަލުވުމުން ނިމުނީ ޕީޕީއެމްގެ އޮފީހުގައި އިންނަވާފައި ޔާމީނު ގެއަށް ވަޑައިގެންނެވި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެރޭ އިންތިހާބީ ރައީސް ޑރ.މުއިއްޒު ބޭއްވެވި ބައްދަލުވުމަކީ މާ ދުރާލައި ރާވާފައި އޮތް ކަމެއް ކަމަށް ވެސް އަބްދުއް ރަހީމް ވިދާޅުވި އެވެ.
"އެ އިންވެޓަށް އޮތީ އަޅުގަނޑުމެން، ލީޑަޝިޕަށް ދައުވަތު ދީފައި. ލީޑަޝިޕް ހުރިހާ ބޭފުޅުން ކަހަލަ ގޮތަކަށް [ހޮޓެލް] ޖެންގައި ތިއްބާ ރައީސް [ޔާމީން] އޮފީހަށް ވަޑައިގެންނެވީ. ދެން އެރޭ ޖެންއަށް ވަޑައިނުގަންނަވަނީ އެމްޕީ ތޯރިގު، ތޯރިގު ވަޑައިގެންނެވި ޕާޓީ އޮފީހަށް،" އަބްދުއް ރަހީމް ވިދާޅުވި އެވެ.
ޔާމީނު ދެފަހަރެއްގެ މަތިން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ބައްދަލުވުންތަކުގައި ބައިވެރިވެވަޑަައިގެންނެވީ ގޭބަންދުން، ރަށު ބަންދަށް ބަދަލުކުރުމުންނެވެ. އެގާރަ އަހަރުގެ ޖަލަށް ލާފައި ވަނިކޮށް ޔާމީނު ގެއަަށް ބަދަލުކުރީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރެއްވައި، އެމަނިކުފާނު އެދިވަޑައިގެންނެވުމުންނެވެ.

އަބްދުއް ރަހީމް ވިދާޅުވި ގޮތުގައި ދެވަނަރޭ ޔާމީނު ވަޑައިގެން ޕީޕީއެމްގެ އޮފީހުގައި ޖަލްސާއެއް ފެށްޓެވި އިރު ދެޕާޓީގެ ލީޑަރުން ތިއްބެވީ އިންތިހާބީ ރައީސަށް އަލްވަދާއު ވިދާޅުވާން އެއާޕޯޓުގަ އެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒު އެރޭ ފުރާވަޑައިގެންނެވީ ނުރަސްމީ ދަތުުރުފުޅެއްގައި ސިންގަޕޫރަށެވެ.
"އޭގެ ކުރިން ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމު ވަޑައިގެންނެވި އެތަނަށް. އެތަނަށް ވަޑައިގެން ޖަލްސާގައި ވެސް ބައިވެރިވެވަޑައިގެންފައި ރައީސަށް ދަންނަވާފައި އެއާޕޯޓަށް ވަޑައިގެންނެވީ. އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެން ރައީސް ޔާމީނު ބައިބެރިވަޑައިގަންނަވާ އިވެންޓެއްގައި ބަައިވެރިނުވުމުގެ މަގުސަދެއްގައެއް ނޫން އެކަން އެގޮތަށް އެކަން ކުރީކީ" އަބްދުއް ރަހީމް ވިދާޅުވި އެވެ.
އެއާ އެކު އަބްދުއްރަހީމް ހަނދާން އާކުރެއްވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މުއިއްޒާ ބެހޭ ގޮތުން ދެޕާަޓީން ދެއްކި ވާހަކަ އެވެ. ދެޕާޓީން ވެސް އޭރު ބުނީ މުއިއްޒަކީ ޔާމީނުގެ ތާއީދާ އެކު ވާދަކުރައްވާ ކެންޑިޑޭޓެއް ކަމަށެވެ.












