މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި މޯލްޑިވްސް ބްލަޑް ސާވިސް ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފި އެވެ.
އެމްއޭސީއެލް އިން ބުނީ މި ކޭމްޕުގެ މަގްސަދަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތެލެސީމިއާ ޕޭޝަންޓުންނަށް ލޭ ހަދިޔާ ކުރުން ކަމަށެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވާ ކަަން އެ ކުންފުނިން އުފަލާއެކު ފާހަގަ ކުރެ އެވެ.
މި ކޭމްޕް ފައްޓަވައި ދެއްވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމު ކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުގެ ސަބަބުން ލޭ އަޅަން ޖެހޭ ތެލެސީމިއާ ކުދިންނަށް މިއީ ވެވޭ ވަރަށް ބޮޑު އެހީއެއް ކަމަށް ތޯހާ ވިދާޅުވި އެވެ.
މިއީ އެމްއޭސީއެލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ހިންގި ހަރަކާތެކެވެ.












