ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ބަންދަށް ސަރުކާރުން އަނެއްކާ ވެސް ލުއިތަކެއް ދިނީ އިއްޔެ އެވެ.
ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ގެއަށް ބަދަލު ކުރީ އޮކްޓޯބަރު 1، ގައި ރިޔާސީ އިންތިހާބުގެ ވޯޓަށްފަހު ޖެހިގެން އައި ދުވަހެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން ރޭ ބުނީ "މެޑިކަލް ކަންކަމަށް، އެމްސީއެސް [ކަރެކްޝަންސް] އަށް އެންގުމަށްފަހު ބޭރަށް ދިޔުމަށް ލުއިތަކެއް [ޔާމީންއަށް] ދީފައިވޭ" ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ އެއީ "މިވަގުތަށް އެންމެ މަސްލަހު ހުރި ގޮތް" ކަމަށްވާތީ ކަމަށެވެ. ނަމަވެސް ފަހުން ކަރެކްޝަންސް އިން ބުނީ އެމަނިކުފާނު ގެއަށް ބަދަލު ކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލު ކުރުމަށް ގާނޫނުން ހުއްދަ ދީފައިވާ މާއްދާއެއްގެ ދަށުން ކަމަށެވެ.
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވި ރޭ، ޔާމީންގެ ދައުވާތައް އަނބުރާ ގެންގޮސް ވަގުތުން މިނިވަން ކުރުމަށް އެމަނިކުފާނުގެ ވަކީލުން ގޮވާލި އެވެ. ޔާމީން މިނިވަން ކުރުމަށް ގޮވާލައި، ސަޕޯޓަރުން މުޒާހަރާ ވެސް ކުރި އެވެ. އެކަމަކު، މުއިއްޒު އެދިވަޑައިގަތީ އެފަދަ މުޒާހަރާ ނުކުރުމަށާއި ކެތްތެރިވުމަށެވެ.

ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.
އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.
މުހިންމު ބައެއް ހަބަރުތައް
ދުވަހުގެ ފޮޓޯ

ގައުމީ ސާފިން ލީގުގެ ބައިވެރިެއއް ރާޅަކާ އަޅަނީ: މިހާރު ކުރިއަށް ދަނީ ލީގުގެ ފަހު މުބާރާތްތައް -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު











