ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވައިފި އެވެ.
ތުރުކީގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި މުއިއްޒުއަށް ގުޅުއްވައި އުރުދުގާން ވަނީ އިންތިހާބުގައި ހޯދި ކާމިޔާބަށް މަރުހަބާ ވިދާޅުވެފަ އެވެ.
ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް މައިގަނޑު މައުޟޫއެއްގެ ގޮތުގައި އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކެވެ. އެގޮތުން, އެ ހަމަލާތައް ހުއްޓުވައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.
މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކޮށް ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އާ ގޮތްތަކެއް ހޯދަމުންދާ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ޑރ. މުއިއްޒުއަށް ދެއްވި އެވެ.
އިޒްރޭލުގެ ސަރުކާރުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4,137 ފަލަސްްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފަ އެވެ. ހަމަލާތައް މެދުކަނޑާލައި އިންސާނީ އެހީ ފޯރުކޮށްދޭނެ ގޮތްތަކެއް ހޯދުމަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތްކުރި ނަމަވެސް އިޒްރޭލުގެ ސަރުކާރުން އެ ފުރުސަތު ވަނީ ބަންދުކޮށްފަ އެވެ.

ސެޕްޓެމްބަރުގެ އިންތިހާބު ކާމިޔާބު ކުރެއްވުމާ އެކު އިސްލާމީ ބޮޑެތި ގައުމުތަކުގެ ވެރިންނާއި ދުނިޔޭގެ ގަދަ ބާރުތަކުގެ ވެރިން ވެސް އެމަނިކުފާނަށް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވި ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މުއިއްޒު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައިފަ އެވެ. އެ ފަހަރު އެމަނިކުފާނަށް 46 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.
ދެ ވަނަ ބުރުގައި 246،915 މީހުން ވޯޓުލާފައިވެ އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ 282,804 މީހުންގެ ތެރެއިން 87.31 ޕަސެންޓެވެ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ، ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 54.04 ޕަސެންޓުންނެވެ. އެއީ 129،159 އަށް ވުރެ ގިނަ ވޯޓެވެ. ރައީސް ސޯލިހުއަށް 109،868 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އެއީ ވޯޓުލީ މީހުންގެ 45.96 ޕަސެންޓެވެ.












