ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބޭހާއި ބޭހާ ގުޅޭ ސަޕްލައިސް ފޯރުކޮށްދިނުމަށް ހާއްސަ އެއްބަސްވުމެއްގައި އިންޑިއާގެ ކުންފުންޏަކާ އެކީ ސޮއިކުރަން އުޅޭ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެކަން ކުރިއަށް ނުގެންދަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
މުއިއްޒު މިގޮތަށް އެދިވަޑައިގެންނެވި ކަން ހާމަކުރައްވަމުން އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އެ ކުންފުންޏަކީ އިންޑިއާގެ ޓެމިލްނާޑޫ ގައި ގާއިމްވެފައިވާ ކުންފުންޏެއް ކަމަށެވެ. އެކަމަކު އެ ކުންފުނީގެ ނަމެއް ހާމައެއް ނުކުރެ އެވެ.
ބޭހާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓުވަން މުއިއްޒު އެދިވަޑައިގެންނެވީ މިއީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅޭ މުހިންމު ކަމަކަށް ވެފައި، މި މަރުހަލާގައި އެކަން ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަަށް ފިރުޒުލް ވިދާޅުވި އެވެ.
"އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ގޮތުން މިއި ދިވެހިންގެ އަސާސީ ހިދުމަތަކާ ގުޅޭ މުހިންމު ހައްސާސް ކަމެއް ކަމަށް ވާތީވެ މި މަރުހަލާގައި މިކަހަލަ މަސައްކަތެއް ބާރަށް ކުރިއަށް ގެންދިއުމަކީ އެމަނިކުފާނުގެ ކަންބޮޑުވުން އޮތް ކަމެއް ކަން ފާހަގަކުރައްވާ" އޭނާ ވިދާޅުވި އެވެ.
ބޭސް ގެންނަން އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭ މައްސަލަ ހުއްޓާލަން އެންގި އިރު، ނިމުނު ހަފުތާގެ ތެރޭގައި އިންތިހާބީ ރައީސްގެ އޮފީހުން ވަނީ، ފަރުވާއަށް ބޭނުންވާ ވަރަށް ސިއްހީ ފަރުވާދޭ ސާމާނުގެ ސްޓޮކް އާކޮށްފައި ނުވާ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭރު އެ އޮފީހުން ބުނީ މިފަދަ ސާމާނުގެ ސްޓޮކް އަހަރަކު ދެ ފަހަރު އޯޑަރު ކުރަން ޖެހުނު ނަމަވެސް، މި އަހަރުގެ މިހާތަނަށް އެކަން އެގޮތަށް ނުކުރާތީ، އަންނަ މަހުގެ މެދަކާ ހިސާބުން ބައެއް ސިއްހީ ހިދުމަތްތައް ދިނުން ހުއްޓާލަން ޖެހިދާނެ ކަމަށެވެ.











