ހިޔާ ޓަވަރުތަކުން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށްދޭނެ ކަމަށާއި އޭގެ ތެރެއިން އެއް ލިފްޓު ގާއިމްކުރާނީ ސްޓްރެޗާ އެރުވޭ ވަރުގެ ޖާގައާއެކު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ ސަރަހައްދުގައި ދިރުއުޅޭ ފަރާތްތަކާއި މިއަދު ހަވީރު ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ދައުލަތުގެ ބަޖެޓުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ކޮންމެ ހިޔާ ޓަވަރެއްގައި ދެ ލިފްޓް ހަރު ކުރުމަށް ހިމަނާފައިވާނެ ކަމަށެވެ.
"ބަޖެޓު ހުށަހެޅިއިރު އެއް ކަމަކަށް އަޅުގަނޑު ހިމަނާފައި ވާނީ މި ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަށް. ކޮންމެ ޓަވަރަކަށް ދެ ލިފްޓު އަންނާނެ. އެއް ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑު ލިފްޓެއް. އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް،" މުއިއްޒު ވިދާޅުވިއެވެ.
ހިޔާގެ ކޮންމެ ޓަވަރަކަށް ލިފްޓެއް އިތުރުކުރާނެ ޖާގަ އެބަ ހުރި ކަމަށް މުއިއްޒު ވަނީ ކުރިން ވެސް ވިދާޅުވެފަ އެވެ. އަދި އިންޖިނިއަރިންގެ މިންގަނޑުތަކާ އެއްގޮތަށް ކޮންމެ ޓަވަރަކަށް ލިފްޓެއް އިތުރުކުރުމަކީ މުއިއްޒުގެ ވައުދުފުޅެކެވެ.
މުއިއްޒު ވިދާޅުވީ ހިޔާ ސަރަޙައްދަށް އެ މަނިކުފާނު ވެލެއްވި ވައުދުފުޅުތައް އެ މަނިކުފާނުގެ ސަރުކާރުގައި ފުރިހަމަކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުން ދެއްވި ތާއީދަށް ޝުކުރު ދަންނަވަމުން މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެ ބުރުގައި ވެސް ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުން ދިނީ ވަރަށް ވަރުގަދަ ތާއީދެއް ކަމަށެވެ.












