ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެރިކަމާއި ހަވާލުވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއެކު 10 އަހަރުގެ ވެރިކަމެއް ކުރުމަށް ކަމުގައި އިންތިހާބީ ރައީސްގެ އިންތިގާލީ ކޮމެޓީތަކުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޑރ. މުއިއްޒު ވެވަޑައިގައިންފައިވާ ވައުދުތަކަކީ ޔަގީންކަމާއެކު އެމަނިކުފާނަށް ފުއްދޭނެ ވައުދުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ނިމުމަށްފަހު ވައުދުތައް ފުއްދުމުގެ އިތުރު ދައުރެއް ދިނުމަށް ޑރ. މުއިއްޒުގެ ސަރުކާރަކުން ނޭދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެނެއް މި ފަސް އަހަރު ނިންމާފަ ދެން އަންނަ ފަސް އަހަރަކަށް ކުރިމަތިލައިގެން ނިކުމެ، ތިމަންނާ ފުރަތަމަ ފަސް އަހަރަށް ވީ ވަައުދުތައް ފުއްދަން އަދި އިތުރު ފަސް އަހަރު ދޭށޭ ބުނާކަށް ނުތިބޭނަން،" އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.
އެގޮތުން, ވެރިކަމަށް އަންނަނީ ޑރ. މުއިއްޒު އާއެކު 10 އަހަރުގެ ވެރިކަމެއް ކުރުމަށް ކަމަށާއި، ދެވަނަ ދައުރަކަށް ކުރިމަތި ލާނީ ފުރަތަމަ ދައުރުގެ ވައުދުތައް ފުއްދުމަށް ފަހު ކަމަށް އަބްދުއްރަހީމް ޔަގީންކަން ދެއްވި އެވެ.
"މި ފަސް އަހަރު ނިންމާފަ ދެން އަންނަ ފަސް އަހަރަކަށް ޑރ. މުއިއްޒު ގޮވައިގެން އަޅުގަނޑުމެން ކެމްޕެއިނަށް ދާނީ ވީ ވައުދުތައް ފުއްދާފަ. އޭރުން ރައްޔިތުން އަޅުގަނޑުމެންނާ ސުވާލުކުރާކަށް ނުޖެހޭނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑރ. މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެއްވީ 54 ޕަސެންޓު ވޯޓުންނެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.













