ނ. ކެނދިކުޅުދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތައް ހަލާކުވިޔަނުދީ، ބަލަހައްޓާނެ ގޮތުގެ މާސްޓާ ޕްލޭން ހެދުމަށް ލަފާދޭނެ ބަޔަކު ހޯދުމަށް އެންވާރަމަންޓް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
ކެނދިކުޅުދޫގައި ހިމާޔަތްކޮށްފައިވަނީ އެ ރަށުގައި އޮންނަ ކުޅިތަކެވެ. ރާއްޖޭގައި އޮންނަ އެންމެ ދިގު ކުޅި އޮންނަނީ އެ ރަށުގަ އެވެ.
އެންވާރަމަންޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، ކެނދިކުޅުދޫ ކުޅިތަކުގައި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމްކޮށް އެތަންތަން ތަރައްގީ ކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާކަމަށެވެ. އެހެންވެ ކުޅިތައް ބަލަހައްޓާނެ ގޮތުގެ މާސްޓާ ޕްލޭންގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.
މި މަސައްކަތަށް އެކަށޭނެ ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ބިޑު އުސޫލުންނެވެ. އެގޮތުން، ބިޑަށް ހުށަހެޅުމުގެ ފުރުސަތު އޮކްޓޯބަރު 26، ގެ ހެނދުނު 10:00 އާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.
މި މަޝްރޫއުގެ ޕްރީ ބިޑް މީޓިން އޮކްޓޯބަރު 18، ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އެންވަޔަރަންމެންޓް މިނިސްޓްރީގައި އޮންނާނެ އެވެ.

ކެނދިކުޅުދޫ އަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ރަށެކެވެ. ރަށުގެ ބޮޑު މިނުގައި 207.7 ހެކްޓަރު ހުރެ އެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ވާގޮތުން ކެނދިކުޅުދޫގައި 1،556 މީހުން ދިރިއުޅެ އެވެ.













