އަންނަން އޮތް ސަރުކާރަށް ދަތިވެދާނެތީ އިންތިގާލީ މަރުހަލާގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން 10 ކަމެއް ނުކުރުމަށް އެދި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އިއްޔެ ސިޓީއެއް ފޮނުވައިފި އެވެ.
ޕީސީބީއަށް މި ސިޓީ ފޮނުއްވެވި ކަން ހާމަކުރެއްވީ އިންތިހާބީ ރައީސްގެ ފަރާތުން އިންތިގާލީ ސްޕޯކްސްޕާސަން މުހައްމަދު ފިރުޒުލް ގަވާއިދުން ބާއްވަމުންގެންދާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދެވެ.
ފިރުޒުލް ވިދާޅުވީ ގޮތުން ނަމަ އެ ސީޓިގައި ކުންފުނިތަކުން ހުއްޓާލަން އެދުނު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
- އާ ޕްރޮޖެކްޓުތައް އިއުލާން ކުރުމާއި އާ ޕްރޮޖެކްޓުތައް ފެށުން
- އާ އިންވެސްޓްމަންޓެއް ފެށުން
- ސަރުކާރުގެ ކުންފުންޏެއްގެ ބެލުމުގެދަށުގައި ހުރި ބިމެއް ނުވަތަ މުދަލެއް ކުއްޔަށް ދިނުމާއި ވިއްކުން
- އިތުރު ލޯންތައް ނެގުން
- ކުންފުނިތަކުގެ ވަޒީފާގެ އޮނިގަނޑާއި މުސާރާގެ އޮނިގަނޑަށް ބަދަލު ގެނައުން
- ކުންފުނިތަކުގެ ވަޒީފާތަކަށް އަލަށް މީހުން ވެއްދުމާއި މަގާމުގެ ކުރިއެރުން ދިނުން
- އެއްވެސް ފަރާތަކުން ކުންފުންޏަކަށް ދައްކަން ޖެހޭ ފައިސާއެއް މާފުކުރުން
- ކުންފުނިތަކުގެ ހިންގާ ގަވާއިދަށް ބަދަލު ގެނައުން
- ކުންފުނިތަކުން އަމަލުކުރަމުންދާ ގަވާއިދުތަކަށާއި އުސޫލުތަކަށް ބަދަލު ގެނައުން
ސަރުކާރު ކުންފުނިތަކުން މިކަންކަން ހުއްޓާލަން އެދެން ޖެހުނު ސަބަބުތައް ހާމަކުރައްވަމުން ފިރުޒުލް ވިދާޅުވީ ކުންފުނިތަކުން މި ދަނޑިވަޅުގައި ކުރާ ކަމަކުން ސަރުކާރުގެ ސިޔާސަތުތައް ހިންގަން ދަތިވެދާނެ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުން ވެގެން ދާނީ އާ ސަރުކާރަކާ ކަންކަން ހަވާލުކުރަން ރައްޔިތުން ނިންމާފައިވާ މަގުސަދާ ހިލާފު ކަމަކަށް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ރައްޔިތުންގެ ނިންމުމަކީ މިހާރު ހިނގަމުންދާ ސަރުކާރުން އާ ސަރުކާރަކާ ރައްޔިތުންގެ ކަންތައްތައް ހަވާލުކުރުން. މަޝްރޫއުތައް ހިންގުމާއި ވުޒާރާތައް ހިންގުމާއި ދައުލަތުގެ އިދާރާތަކުގެ ސިޔާސަތުތަކާ، މި ހުރިހާ ކަންކަން ވެސް އާ ގޮތަކަށް ބައްޓަންކޮށް، އާ މިސްރާބަކަށް ގެންދިއުން، އެއީ ރައްޔިތުންގެ ނިންމެވުން." ފިރުޒުލް ވިދާޅުވި އެވެ.

"މި 37 ދުވަހުގެ ތެރޭގައި އާ މަޝްރޫއުތައް ފަށާ ކަމަށް ވާނަމަ، އާ މުވައްޒަފުންތަކެއް ނަގާ ކަމަށް ވާނަަމަ، މުސާރަ ބޮޑު ކުރާ ކަމަށް ވާނަމަ، މިކަންކަމުގެ ސަބަބުން އާ ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމާއި، އަދި ހަމަ އެހެންމެ އާ ސަރުކާރުގެ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވެގެންދާނެ"
ސަރުކާރު ކުންފުނިތަކުން ބައެއް ކަންކަން މި ވަގުތަށް ކުރުން މަޑުޖައްސާލަން އެދުނު ނަމަވެސް، މިހާރު ހިނގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލަން އަންގާފައި ނުވާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.
ފިރުޒުލް މިހެން ވިދާޅުވީ ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫއުތަކުގެ މަސައްކަތްތައް މަޑުޖައްސާލުމަށް ފަހު އެކަން ކުރީ އިންތިގާލީ އޮފީހުން އަންގައިގެން ކަމަށް ބުނެ އާންމުންގެ ފަރާތުން ޝަކުވާ ލިބެމުންދާ ކަމަށް ފާހަގަކުރައްވަމުންނެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި މިއީ އަންނަން އޮތް ސަރުކާރާ މެދު ގޯސް ތަސައްވުރެއް އުފެއްދުމަށް ކުރާ ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުންފުނިތަކުން ހުއްޓާލަން އިންތިހާބީ ރައީސް ޑރ. މުއިއްޒުގެ ފަރާތްޕުޅުން އެދިވަޑައިގެންފައިވާ ގިނަ ކަންކަމަކީ ޕީސީބީން މީގެ ކުރިން ނެރުނު ސާކިއުލާއެއްގައި ކުންފުނިތަކަށް އަންގާފައިވާ ކަންތައްތަކެވެ.
މީގެ ކުރިން، މި ނިމޭ ސަރުކާރުން ހަތް ކަމެއް ނުކުރުމަށް ވަނީ އެދިވަޑައިގެން ވެސް ޑރ. މުއިއްޒު ވަނީ ސިޓީފުޅެއް ފޮނުއްވާފަ އެވެ. އެ ކަންކަމުގެ ތެރޭގައި ވެސް މައިގަނޑު ގޮތެއްގައި ހިމެނެނީ އާ މަޝްރޫއުތައް ނުފެށުމާއި މުވައްޒަފުން ނުނެގުމާއި ތަންތަން ކުއްޔަށް ދިނުން ހުއްޓާލުމެވެ.













