މާލީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ މިފްކޯ އާއި ފެނަކަ ކޯޕަރޭޝަނުން ނަގާފައިވާ ދެ ލޯނަކަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތުން އިނގޭ ގޮތުގައި މިފްކޯއިން ނަގާފައިވަނީ 150 މިލިއަން ރުފިޔާގެ ލޯނެކެވެ. 160.5 މިލިއަން ރުފިޔާ އަނބުރާ ދައްކަންޖެހޭގޮތަށް މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ނެގި އެ ލޯނު ދައްކައި ނިންމަންޖެހެނީ 2028 ގެ ނިޔަލަށެވެ.
ލޯނުގެ ތަފްސީލު:
- އިންޓްރެސްޓް ރޭޓް- 8.89 ޕަސެންޓް (8.33 މިލިއަން ރުފިޔާ)
- ފްލޯ ރޭޓް - ހަތް ޕަސެންޓް
- ޕްރޮސެސިން ފީ - 2.25 މިލިއަން ރުފިޔާ
- ލޯނަށް ހިނގާނެ ޖުމްލަ ހަރަދު- 160.5 މިލިއަން ރުފިޔާ
ފެނަކަ ކޯޕަރޭޝަނުގެ ލޯނަކީ ޖޫން 20 ވަނަ ދުވަހު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި 200 މިލިއަން ރުފިޔާގެ ލޯނެކެވެ. 3.5 ޕަސެންޓުގެ ޕްރޮފިޓް ރޭޓުގައި ނެގި މި ލޯނުގެ އިތުރު ފީތަކާއެކު ޖުމްލަ 218 މިލިއަން އަނބުރާ ދައްކަންޖެހެ އެވެ. ލޯނު ދައްކާ ނިމޭނެ ކަމަށް ލަފާކުރަނީ 2026ގަ އެވެ.
ލޯނުގެ ތަފްސީލު

- ޕްރޮފިޓް ރޭޓް - 3.5 ޕަސެންޓް
- ޕްރޮސެސިން ފީ - 5.66 މިލިއަން ރުފިޔާ
- އިފެކްޓިވް އިންޓްރެސްޓް ރޭޓް - 5.1 ޕަސެންޓް
- ލޯނަށް ހިނގާނެ ޖުމްލަ ހަރަދު - 218.3 މިލިއަން ރުފިޔާ
ސަރުކާރު ހިއްސާވާ ފަސް ކުންފުންޏަކުން ނެގި ލޯނުތަކަކަށް މިދިޔަ އަހަރުވެސް ސަރުކާރުކުން ސޮވެރިން ގެރެންޓީ ދިނެވެ. އެ ލޯނުތަކުގެ އަދަދު 7.4 ބިލިއަން ރުފިޔާ އަށް އަރައެވެ.












