އަލަށް އުފައްދާ ސަރުކާރަކީ އަދުލު އިންސާފު ގާއިމުވެފައި އޮތް، ހަމަހަމަކަމާއެކީގައި ހިދުމަތް ފޯރުކޮށްދޭ ސަރުކާރަކަށް ހެދުމަށް އިންތިހާބީ ރައީސްގެ އޮފީހުން ޑިމޮކުރެޓުންގެ ހިޔާލާއި މަޝްވަރާ ހޯދައިފި އެވެ.
ސްޓެލްކޯގައި ގާއިމުކޮށްފައި ހުރި އިންތިހާބީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑައިރެކްޓާ އޮފް ޓުރާންސިޝަންސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އެތަނެއްގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުވެފައި އޮތުން ކަމަށެވެ.
އެހެންކަމުން މިއަދުގެ ބައްދަލުވުމުގައި އެފަދަ ސަރުކާރެއް އެކުލަވައިލުމަށް ޑިމޮކުރެޓްސްގެ ހިޔާލާ މަޝްވަރާ ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުންނަކީ މީގެ ކުރީގައި ވެސް ސަރުކާރު ހިންގަވާފައި ތިއްބެވި ބޭފުޅުންނަށް ވީމާ، އެ ސަރުކާރުގައި އެ ބޭފުޅުންނަށް ކުރެވިފައި ހުރި ތަޖުރިބާ އަޅުގަނޑުމެންނާ ހިއްސާ ކުރެއްވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ދިމާވެފައި ހުރި އެކިއެކި މައްސަލަތަކާ ގުޅިގެން ކުރަންޖެހުނު ތަޖުރިބާއާއި އެކަންކަމުގެ އަލީގައި ކުރިއަށް ދާނެ ގޮތާމެދު ޑިމޮކުރެޓުންގެ ހިޔާލު ހުރިނެތް ގޮތް އެ ޕާޓީގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ހިއްސާ ކުރި ކަމަށެވެ.

"[ސަރުކާރު ހިންގުމުގައި] ދިމާވެފައި ހުރި އެކިއެކި މައްސަލަތަކާއި ހަމަ އެއާއެކީގައި ދެން އޭގެ އަލީގައި ކުރިއަށް ދިއުމުގައި އެ ބޭފުޅުންގެ ހިޔާލު ހުރިގޮތް އެ ބެފުޅުން އަޅުގަނޑުމެންނާ ހިއްސާކުރެއްވީ ދެން އެ ބޭފުޅުން ވެސް ބައިވެރިވެގެން މިކަންކަން ރަނގަޅު ކުރަން ބޭނުންވާ ވާހަކަ،" އޭނާ ވިދާޅުވި އެވެ.
އަބްރުއްރަހީމް ވިދާޅުވީ ދެން އުފެެދޭ ސަރުކާރަކީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގާ ސަރުކާރަކަށް ހެދުމަށް ޑިމޮކުރެޓުންގެ އަސްލު ލީޑަރު، މުހައްމަދު ނަޝީދު ވެސް އެދިވަޑައިގެންފައިވާ ކަމަށެވެ.
"ވަރަށް ބޮޑަށް ހަމަ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ހިނގަ ވަރަށް ރަނގަޅު ސަރުކާރެއް އޮންނަން އެ ބޭފުޅުން ބޭނުންފުޅުވާ ވާހަކަ ހަމަ ތަކުރާރުކޮށް ރައީސް ނަޝީދުގެ ފަރާތުުން ވެސް ވިދާޅުވި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ބައްދަލުވުމަށްފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުގެ ފުރުސަތު ދީފައި ނުވާތީ ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް ލިބޭނެ ގޮތް ވަނީ ނުވެފަ އެވެ.












