ރިޝްވަތާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މިއަދު ބުނެފި އެވެ.
ކަރެކްޝަނުގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހުމަދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައި ވަނީ ސިއްހީ ނުރައްކަލެއްގެ ސަބަބުން ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ކަމަށާއި ގެއަށް ބަދަލުކުރެވޭނެ ހާލަތްތަކެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރީ ސިއްހީ ނުރައްކަލުގެ ތަފްސީލެއް ކަރެކްޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ޖަލުތަކާއި ޕެރޯލްގެ ގާނޫނު 82 ވަނަ މާއްދާގައި، ގައިދީއަކު ގެއަށް ބަދަލުކުރެވޭނެ ސިއްހީ ނުރަކަލުގެ ގޮތުގައި ތިން ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ ޖަލުގައި ހުކުމް ތަންފީޒުކުރުމަށް ނުކުޅެދޭ ފަދަ ބައްޔެއް ހުރުން ނުވަތަ ރަނގަޅުވާނެ ކަމަށް ލަފާނުކުރެވޭ ނަފްސާނީ ބައްޔެއް ހުރުން ނުވަތަ ގައިންގަޔަށް އަރާ ބައްޔެއް ހުރުމެވެ.
titledesc

ނިމިދިޔަ ރިޔާސީ އިންތިހާބަށްފަހު އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޔާމީން ގެއަށް ބަދަލުކުރެއްވީ މި ދަނޑިވަޅުގެ މަސްލަހަތަށް ބައްލަވައި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ވާތީ ކަމަށެވެ.
ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވި ފަހުން އެމަނިކުފާނުގެ ގެކޮޅު ހ. ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައިގެން 15 ވަރަކަށް މިނެޓަށް ސަޕޯޓަރުންނާ މުހާތަބުކޮށް ވާހަކަ ދެއްކެވި އެވެ.
ރައީސް ޔާމީން ގައިދީއެއްގެ ގޮތުގައި ހުންނަވައިގެން މިފަދަ ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމާއި ގުޅިގެން ކަރެކްޝަނާ ސުވާލުކުރުމުން ބުނީ އެކަމުގައި އެއްވެސް ކޮމެންޓެއް ދެވެން ނެތް ކަމަށެވެ.
މާފުށީ ޖަލުގައި ޖަލުގައި ޔާމީން ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އެމަނިކުފާނު ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފަ އެވެ. އެ މޮޅަށްފަހު މުއިއްޒު ފުރަތަމަ ވެސް ގޮވާލެއްވީ ޔާމީން ގޭބަންދަށް ބަދަލު ކުރުމަށެވެ.
ޔާމީން 11 އަހަރުގެ ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގެ ތެރެއިން އެމަނިކުފާނު 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވައި އެ ފައިސާ ލޯންޑަކުރެއްވި މައްސަލަ ސާބިތުވެގެންނެވެ.
އޭގެ އިތުރުން، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ވެސް ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމުގެ ތުހުމަތުގައި ޔާމީނުގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލާފައި ވެ އެވެ. އެ މައްސަލަ އޮތީ ކްރިމިނަލް ކޯޓުގަ އެވެ.











