ގދ. ތިނަދޫއަށް އުފަން، ރަން އަޑުގެ ވެރިޔާ، ލޯފަން މަރިޔަމްދީދީ ނިޔާވެއްޖެ އެވެ.
ފެނުމުގެ ހިއްސުން މަހުރޫމުވެފައިވާ މަރިޔަމްދީދީ ނިޔާވިއިރު، އޭނާގެ އުމުރަކީ 73 އަހަރެވެ. މަރިޔަމްދީދީގެ ރަން އަޑުގެ ޖާދުލުގައި ދިވެހި ގިނަ ބަޔަކު ޖެހިފައިވެ އެވެ. އޭނާގެ އެންމެ މަޝްހޫރުވި ލަވައަކީ ތިނަދޫގެ ޗާލުކަން ސިފަކޮށްދީފައިވާ "ފެން މީރުވި ރީތި ރަށޭ މީ" އެވެ.
ތިނަދޫ ކައުންސިލުގެ ރައީސް ސައުދު އަލީ "އަދަދު" އަށް ވިދާޅުވީ އިރު އޮއްސުނުއިރު ވެސް މަރިޔަމްދީދީ މީހުންނާ ދިމާވި ކަމަށާއި އޭރު ވެސް ގަދަ ކަމަށެވެ.
"އިރުއޮއްސުނު ފަހުން ވެސް މީހުންނާ ދިމާވިކަމަށް ވަނީ، އޭރުވެސް އަނެއްހެން ކަމެއް ފާހަގައެއް ނުވޭ،" ސައުދު ވިދާޅުވި އެވެ.
މަރިޔަމްދީދީ ނިޔާވިއިރު، އޭނާގެ އަންހެން ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ. މަރިޔަމްދީދީ ދިރިއެޅެމުންދިޔައީ އޭނާ ގާތުގަ އެވެ.

އުފަންވިއިރު ވެސް ލޮލަށް ފެނުމުން މަހުރޫމުވެފައިވާ މަރިޔަމްދީދީ ލަވަކިޔަން ފެށީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. އޭނާގެ ރީތި އަޑުން މަދަހަ އާއި ގައުމީ ލަވައިގެ އިތުރުން ލޯބީގެ އަސަރުގަދަ ލަވަތައް ވެސް ކިޔާފައިވެ އެވެ.
އޭނާގެ އަގު ވަޒަންކުރުމުގެ ގޮތުން 1982 ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ ލަވަކިޔުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު އަރުވައިފަ އެވެ.
މަރިޔަމް ދީދީއަކީ ހުވަދުއަތޮޅުގެ އިތުރުން މުޅި ރާއްޖެއަށް ވެސް މަޝްހޫރު ލަވަކިޔުންތެރި އެކެވެ. ތިނަދޫއަށް ދަތުރުވަރުގައި ދާ މީހުން ވެސް މަރިޔަމްދީދީ ލަވަކިޔާ އަޑު އަހަން އެގެއަށް ޒިޔާރަތް ކުރެ އެވެ.













