އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައިގެން އޮތް އޮތުން ނިމުމަކަށް ގެނެސް 1967 ވަނަ އަހަރާ ހަމައަށް އޮތް އިޒްރޭލުގެ ސަރަހައްދީ ރޮނގާ ހަމައަށް ފަހަތަށް ޖެހެން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
އިޒްރޭލުން ހިސާރުކޮށް އެކި ފަހަރު މަތިން ހަމަލާދީ ވީރާނާކޮށްލާފަައިވާ ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން އިޒްރޭލުގެ ބައެއް ސަރަހައްދުތަކަށް މިއަދު ވަރުގަދަ ހަމަލާތަކެއް ދިނުމުން، އޭގެ ރަައްދުގައި ކަމަށް ބުނެ އިޒްރޭލުން ގެންދަނީ ޣައްޒާގެ އާއްމުން ދިރިއުޅޭ ސަރަހައްދު ތަކަށް ބޮން އަޅަމުންނެވެ.
ދެފަރާތުގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުގެ ވެރިން ގޮވައިލައްވަމުން ގެންދަވަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލަން ދެފަރާތަށް ވެސް ގޮވައިލަމުންނެވެ.
އެހަމަލާތަކާ ގުޅިގެން ސޯޝަލް މީޑިއާގައި މުއިއްޒު ލިއުއްވި ލިއުއްވުމެއްގައި ގޮވައިލެއްވީ 1967 ވަނަ އަހަރު އޮތް ސަރަހައްދީ ރޮނގާ ހަމައަށް އިޒްރޭލު ފަހަތަށް ޖެހުމާ އެކު ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށެވެ. އަދި އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަދި [ފަލަސްތީނުގެ] ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ވަގުތުން ދޭން ޖެހޭނެ،" ސޯޝަލް މީޑިއާގައި ލިއުއްވި ލިއުއްވުމުގައި މުއިއްޒު ވިދާޅުވި އެވެ.

ގަތަރުގެ އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒަރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 198 އަށް އަރައިފަ އެވެ.
ހަމާސް އިން ދިން ހަމަލާގައި އިޒްރޭލުގެ 100 މީހުން މަރުވި ކަމަށް ވެސް އެ އެޖެންސީން ރިޕޯޓްކޮށްފައި ވެ އެވެ.
ފުރަތަމަ ބޮޑުހަނގުރާމައިގަައި އިނގިރޭސިން ފަލަސްތީނު ހިފުމަށް ފަހު ވަޒަންވެރިވި ޔަހޫދީން 1948 ވަނަ އަހަރު އުފެއްދި ދައުލަތުގެ ސަރަހައްދު 1967 ވަނަ އަހަރާ ހަަމައަށް އޮތީ މިހާރަށް ވުރެ އެތައް ގުނައެއް ކުޑަކޮށެވެ. އދ. އިން އެ ދައުލަތް ބަލައިގަތީ އޭރު އޮތް ސަރަހައްދީ ރޮނގުގެ ތެރޭގަ އެވެ. އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަ ދުވަހުގެ ހަނގުރާމައިގައި އިތުރު ބިންތައް ހިފައި، އޭގެ ފަހުން ވެސް އިޒްރޭލުން އަންނަނީ މެދު ނުކެނޑި ފަލަސްތީނުގެ ބިންތައް ހިފަމުންނެވެ.












