އެމަނިކުފާނު ސަރުކާރާ ހަވާލުވަންދެން މި ނިމޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގަނެފި އެވެ.
އިންތިހާބީ ރައީސް މުއިއްޒު ބުދަ ދުވަހު ރައީސް ސޯލިހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ސަރުކާރު ބަދަލުކުރުމުގެ ކަންކަން ވިލަރެސް ކުރައްވަމުންދާއިރު، ކުރިން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ބައެއް ކަންކަން ކުރެއްވުމަށް އެހީތެރިކަން ދިނުން މުހިންމު ކަމަށެވެ.
ޖުމްލަ ހަތް ކަމަކަށް ޑރ. މުއިއްޒުގެ ފަރާތުން އެދިވަޑައިގަތެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަޒީފާތަކަށް މީހުން ނުވެއްދުމާއި މުސާރައިގެ ކުރިއެރުން ނުދިނުން ހިމެނެ އެވެ. އަދި އާ ޕްރޮޖެކްޓުތައް ނުފެށުމާއި ދައުލަތުގެ މިލްކުވެރިކަމުގެ ދަށުގައި އޮތް މުދަލެއްގެ މިލްކުވެރިކަން ބަދަލުނުކުރުން ހިމެނެ އެވެ.
އިންތިހާބީ ރައީސް އެދިވަޑައިގެންނެވި ކަންކަން
- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އާ އިންވެސްޓްމަންޓެއް ނުކުރުން
- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް، ވިއްކުމުގެ އާ ހުއްދައެއް ނުދިނުން
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލު ނުކުރުން
- ބައިނަލްއަގްވަމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއި ނުކުރުން
- ޕީއެސްއައިޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އާ ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން
ރައީސް ސޯލިހުގެ ސަރުކާރުން ބައެއް ކަންކަން ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންނެވިއިރު، އާ ޕްރޮޖެކްޓުތައް ނުފަށަން ޕްރައިވެޓައިޒޭޝަން ބޯޑުން ވެސް ވަނީ ސަރުކާރުގެ ކުންފުނިތަކަށް އަންގައިފަ އެވެ.
މި ސެޕްޓެމްބަރު 30، ގައި އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު މުއިއްޒު ކާމިޔާބު ކުރެއްވީ ވޯޓުލީ އާބާދީގެ 54 ޕަސެންޓު ހޯއްދަވައިގެނެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.













