އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު އާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހުންނަ އިންތިހާބީ ރައީސުލްޖުމްހޫރިޔާގެ އޮފީހުގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ހާރިޖީ ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމުގެ އަސާސްތަކުގެ މައްޗަށް އިއާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް އިންޑިއާ ސަފީރު ވަނީ ވިދާޅުވެފަ އެވެ.
އަދި ހަމަ އެއާއެކު، ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުންގެ ނިންމުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށާއި ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަމަށް އިންޑިއާ ސަފީރު ވިދާޅުވި ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ބުންޏެވެ.

މިއީ އިންތިހާބުވެ ވަޑައިގެންނެވި ފަހުން މުއިއްޒު ބައްދަލުކުރެއްވި ތިންވަނަ ސަފީރެވެ. މި ބައްދަލުވުމުގެ ކުރިން މުއިއްޒު ވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެރޮން ރޮސްލާ އާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެންގްެ ލިޒިންއާވެސް މިއަދު ބައްދަލުކުރައްވާފަ އެވެ.













