މަނީ ލޯންޑަރިން އާއި ރިޝްވަތުހިފުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު މިއަދު ގެެއަށް ބަދަލުކޮށްފި އެވެ.
ޔާމީނު ގެއަށް ބަދަލުކުރީ އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނުގެ ލީޑްކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވުމާ އެކުގަ އެވެ. އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ރޭ ބޭއްވެވި މީޑިއާ ބްރީފިން ގައި މުއިއްޒު ސަރުކާރަށް ގޮވައިލެއްވީ ޔާމީނު ގެއަށް ބަދަލުކޮށްދިނުމަށެވެ.
އެމަނިކުފާނު ގެއަށް ބަދަލުކުރަން ނިންމީ ކީއްވެ ކަމެއް އެހެން ނަމަވެސް ސަރުކާރަކުން އަދި ނުބުނެ އެވެ.
ޔާމީނު ގެއަށް ބަދަލުކުރާކަން ޕީޕީއެމް/ޕީއެންސީން މިއަދު ހާމަކުރުމާ އެކު އެ ދެޕާޓީއަށް ތާއީދުކުރާ ގިނަ އަަދަދެއްގެ މީހުން ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔަން އެމަނިކުފާނުގެ ގެ ހުންނަ ސަރަހައްދަށް އެއްވެފަ އެވެ. އެ ސަރަހައްދުން ފަށައިގެން އަލިމަސް ކާނިވަލާ ހަމައަށް މީހުން އެއްވެ އެބަ ތިއްބެވެ. އެމަނިކުފާނާ ސަލާމްކުރަން ގިނަ ބަޔަކު އެއްފަހަރާ މަސައްކަތްކުރުމުގެ ސަބަބުން އެ ސަރަހައްދު އޮތީ ތޮއްޖެހިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރާތީ އެމަނިކުފާނުގެ ސަޕޯޓަރުން އެއްވެފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ އައި ޕީޕީއެެމް/ޕީއެންސީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން، ވެސް އެމަނިކުފާނަށް މަރުހަބާ ވިދާޅުވާން ވަޑައިގެން ތިއްބެވި އެވެ. ޔާމީނުގެ އަނބިކަނބަލުުން ފާތިމަތު އިބްރާހީމާއި ބޭބޭފުޅު އަބްދުﷲ މަޖީދު ވެސް އެމަނިކުފާނަށް މަރުހަބާ ވިދާޅުވާން ގޭގެ ބޭރުގައި ތިއްބެވި އެވެ.
އެއްވެ ތިބި ސަޕޯޓަރުން ބުނަމުން އަންނަ ގޮތުގައި ޔާމީނަށް ކޮށްފައިވާ ޖަލުހުކުމަކީ ނުހައްގު ހުކުމެއް ކަމަށެވެ.
ހުކުމް ތަންފީޒުކުރުމަށް ޓަކައި ޔާމީނު ވަނީ ޖުމްލަ 1049 ދުވަސް ޖަލުގައި ހޭދަކުރައްވައިފަ އެވެ. އެއީ ދެފަހަރެއްގެ މަތިންނެވެ. އެމަނިކުފާނު ޖަލަށްލާން ކްރިމިނަލްކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުގައި މިހާރު ވަނީ އިސްތިއުނާފުކޮށްފަ އެވެ.











