ވޯޓުކަރުދާހުގައި ކުރަހާފައި ހުރިކަމަށް ބުނާ މައްސަލާގައި، ކުރެހިކަމަށް ތުހުމަތުކުރެވޭ އޮފިޝަލް ދުރުކޮށް ލ.ފޮނަދޫ ތިން ނަމްބަރު ފޮށްޓަށް ވޯޓުލުން ހުއްޓައިލުމަށް ފަހު އާ ފޮށްޓެއް ބަހައްޓައިގެން ވޯޓުލާން ފަށަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކްރެޓަަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ ކުރަހާފައިވާ ކަމަށް ބުނާ ވޯޓުކަރުދާސް އޮތް ފޮށީގެ ބަދަލުގައި އާ ފޮށްޓެއް ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދަން ފޮނަދޫގައި ތިބި އޮފިޝަލުންނަށް ކޮމިޝަނުން އިރުޝާދު ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ޖެހުނު ފޮށްޓަށް ލާފައިވާ ވޯޓު ވެސް ގުނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ތިން ނަމްބަރު ފޮށްޓަށް ވޯޓްލާން ދިޔަ މީހަކަށް ކުރަހާފައިވާ ކަރުދާހެއް ލިބުނު މައްސަލާގައި ވޯޓުލާ މަރުކަޒަށް މީހުން ޖަމާވެ، ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފޮނަދޫ އިން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނީ އާ ފޮށްޓެއް ބަހައްޓައިގެން ވޯޓުލާން ނިންމި ނަމަ ވެސް ވޯޓުލާ މަރުކަޒަށް އެއްވެ ހިތްހަމަނުޖެހުން ފާޅުުކުރާ މީހުން އެތަނުން ދުރަށް ނުދާތީ ވޯޓުލާން އަދި ނުފަށާ ކަަމަށެވެ.













