ސެޕްޓެމްބަރު 30, ގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާތީ, ޖެހިގެން އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ބުނީ, އޮކްޓޯބަރު އެކެއް ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
އާދިއްތަ ދުވަސް ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު 30، އަކީ އިންތިހާބުގެ ދެވަނަ ބުރު ބާއްވާ ދުވަސް ކަމަށްވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ އެވެ.
އެ ދުވަސް ބަންދުކުރީ, އެކަމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވެ އެވެ.
ސެޕްޓެމްބަރު 9، ގައި އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހުގައި ވެސް ދެ ދުވަހަށް ސަރުކާރު ބަންދުކުރި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި 282،804 މީހުންގެ ނަން އެބަ އޮތެވެ. އޭގެ ތެރޭގައި އަލަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލެވޭ މީހުންގެ އަދަދަކީ 409 އެވެ.
ދެވަނަ ބުރުގައި ޖުމްލަ 586 ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފަ އެވެ. އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާއި ހަމައަށެވެ.












