ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ޓްރޭނިން ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްްގައި ބުނީ މިނިސްޓްރީން ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސް ޓްރޭނިން ޕްރޮގުރާމުގައި ބައިވެރިވުމަށް ހުޅުވާލާފައިވާކަމަށެވެ.
އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ މީހުން މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް އެދުމަށް މިއަދުން ފެށިގެން ވަނީ ހުޅުވާލާފަ އެވެ.
ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަރުތުހަމަވާނީ އޭ-ޒޯނުގެ ދާއިމީ ލައިސަންސް ލިބިފައިވާ މީހުންނަށެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެ އެވެ. ރާއްޖެއަކީ މިއަހަރުގެ ޖެނުއަރީ ނުވައަކުން ފެށިގެން އެ ކޮންވެންޝަނުގެ ގައުމެކެވެ.

ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968 ގައި ޖުމްލަ 99 ގައުމެއް ހިމެނޭ އިރު، އެ ގައުމުތަކުގެ ތެރޭގައި ފިލިޕީންސް، ތައިލޭންޑު، އިންޑޮނޭޝިއާ އަދި ޔޫއޭއީ ވެސް ހިމެނެ އެވެ.













