މިހާރު އިއުލާނު ކުރަމުންދާ ބައެއް ވައުދުތަކަކީ މެނިފެސްޓޯގައި ވެސް ލިޔެފައި ހުރި ކަންކަން ކަމަށާއި އަލުން ތަފުސީލުކޮށްދޭންޖެހެނީ ބަޔަކު އޮޅުވާލަންް ދޮގު ހަދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ވެރި ރަށް މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސެޕްޓެމްބަރު 9، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމަނިކުފާނު އިއުލާނު ކުރައްވަމުންދަނީ މުޅިން ވެސް މެނިފެސްޓޯގައި ލިޔެފައި ހުރި ކަންތައް ކަމަށެވެ. ނަމަވެސް ބަޔަކު އޮޅުވާލާތީ އޭގެ ތަފުސީލަށްދާން އެމަނިކުފާނަށް މަޖުބޫރުވަނީ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މަސްވެރިންނަށް ބޮޑު އަގު ދޭން އަޅުގަނޑު މިއަދު އިއުލާނު ކުރި ނަމަވެސް އެއީ އަޅުގަނޑުމެން މެނިފެސްޓޯގައި ލިޔެފައި އޮތް އެއްޗެއް. ދުވަސްވީ މީހުންނަށް އިނާޔަތް އިތުރުކޮށްދިނުމުގެ ވާހަކައަކީ މެނިފެސްޓޯގައި ލިޔެފައި އޮތް އެއްޗެއް. މާލޭގެ މީހުންނަށް ގޯތި ދީ، ބޯހިޔާވަހިކަން ހޯދައިދިނުމަކީ މެނިފެސްޓޯގައި ލިޔެފައި ހުރި ވާހަކަތަކެއް،" ރައީސް ވިދާޅުވި އެވެ. "ބައެއް މީހުން އޮޅުވާލަން ދޮގު ހަދައިގެން ވާހަކަ ދައްކާތީ އަޅުގަނޑަށް އިތުރު ތަފުސީލަށްދާން މަޖުބޫރުވެގެން އެކަންތައްތައް މި ހާމަ ކުރަމުންދަނީ."
ރައީސް މިހެން ވިދާޅުވެފައި މި ވަނީ، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހަޅާފައިވާ ބައެއް މައްސަލަތައް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން މިރޭ ބުނެފައި އޮއްވަ އެވެ.
އޭސީސީން ބަލަމުންދާ މައްސަލަތަކުގެ ތެރޭގައި އިންތިހާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލައި ޓެކްސީ ރަޖިސްޓްރީ ކުރަން 10,000ރ. ފީއެއް ނަގަން ހަމަޖެއްސުމާއި، އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރުމާއި ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުމާއި، ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުމާއި ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދޭން ނިންމުމާއި ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް ހިމެނެ އެވެ.

އޭގެ އިތުރުން، މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެއާޕޯޓާއި ފަތުރުވެރިކަމާއި ދާއިރާއަށް ގެންނަވާ ބައެއް ބަދަލުތައް އިއުލާނު ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ޑޮލަރުން ދިނުމާއި އޭޕްރަންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރިސްކް އެލަވަންސެއް ދިނުމާއި ހަފުތާއަކު ދެ ދުވަސް ޗުއްޓީ ކުރުން ހިމެނެ އެވެ.












