ހައި ކޯޓުގެ ފަނޑިޔާރުންނާއި އެ ކޯޓުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ނުފެތުރުމަށް އެ ކޯޓުން އެދިއްޖެ އެވެ.
މިފަހުން، ހައިކޯޓުގެ ފަނޑިޔާރުންނާއި، ހައިކޯޓުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ހަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ފަތުރަމުންދާކަން ފާހަގަވެފައިވާ ކަމަށް އެ ކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގާނޫނު އަސާސީން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނުސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައިވާ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
އެހެން ނަމަވެސް, އެ ހަބަރުތަކަކީ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅައި ބަޔާންވެގެންވާ އުސޫލުތަކާ ހިލާފަށް، ހައިކޯޓުގެ ދުސްތޫރީ ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނުރަނގަޅު ތަސައްވަރެއް އުފެދޭ ގޮތަށް ފަތުރަމުންދާ ހަބަރުތަކެއް ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ.
ހަބަރު ފެތުރުމުގައި ޒިންމާދާރުކަމާ ތެދުވެރިކަމާ އެކު މަސައްކަތްކޮށް، ހައިކޯޓުގެ ޝަރީއަތްތަކުގެ ހަބަރުތައް ގެނެސްދިނުމުގައި ނޫސްވެރިން ކުރަމުންދާ މަސައްކަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށް އެ ކޯޓުން ބުނެެފައިވެ އެވެ.












