އަމިއްލަ ރަށް ނޫން ރަށްރަށުގައި މަސައްކަތްކުރައްވާ ޕްރިންސިޕަލުންނަށް ދޭ ހައުސިން އެލަވަންސް 5،000.ރ އިން 7،000 އަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ޕްރިންސިޕަލުންގެ ހައުސިން އެލަވަންސް ބޮޑުކުރަން ނިންމެވީ އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި މަސައްކަތްކުރަން ޖެހިފައިވާ ޕްރިންސިޕަލުން ގެދޮރު ކުއްޔަށް ހިފަން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ މައްސަލަ ދިމާވާތީ ކަމަށެވެ. ރަށްރަަށަށް ފޮނުވުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށް ގެންދާ ކަަމަށާއި އެފަދަ ބައެއް ޕްރިންސިޕަލުންނާ ބައްދަލުވެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެެވެ.
"އަޅުގަނޑުމެން އެކަމަށް ހައްލެެއް ހޯދައިދިނުމަށް މިހާރު ވާނީ ނިންމާފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައުުސިން އެލަވަންސްގެ ގޮތުގައި 7،000.ރ ދޭން ސަރުކާރުން ނިންމި ނިންމުމަކީ އެކަމުގެ ހައްލެވެ.
މީހުންގެ އާމްދަނީ އާ ގުޅޭ އެހެން ގިނަ ވައުދުތަކެއް ވެސް އެމަނިކުފާނު މިރޭ ވެވަޑައިގެންނެވި އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު އެސްޑީއެފްސީ މެދުވެރިކޮށް ދިން ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލައި، އެ ލޯނުތައް ދައްކާ މުއްދަތު އިތުރުކޮށްދިނުން އޭގެ ތެރޭގައި ހިމެނެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ދައުލަތުންދޭ އިނާޔަތް 5،000.ރ އިން 7،000.ރ އަށް ބޮޑުކުރަން ވެސް ރައީސް މިރޭ ވަައުދުވެވަޑައިގެންނެވި އެވެ.













