ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދެމުން އަންނަ އެލަވަންސް 7،000 އަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި އެވެ.
ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން އެމްޑީޕީން މާލޭގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ލިބޭ އިނާޔަތް ބޮޑުކޮށްދިނުމަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އުޅުއްވަމުން ދާއިރު އާންމު ފަރުދުންގެ ފަރާތުން އައި ހުށަހެޅުމެއް ކަމަށެވެ.
އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަންގެ ގޮތުގައި މިހާރު ދެނީ މަހަކު 5،000ރ. އެވެ. މިގޮތަށް އެލަވަންސް ބަދަލުކުރީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އޭރުގެ ރައީސް، އަބްދުﷲ ޔާމީން އެވެ.
އެ މިންވަރުގައި އެލަވަންސް ދޭން ފެށިތާ 10 އަހަރު ވެފައިވާއިރު، ރައީސް ސޯލިހު ވިދާޅުވީ އެއީ މާ މާކުރިން ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ.
"އަޅުގަނޑުމެން އެ ސިޔާސަތު ބަދަލުކޮށްފިން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި 65 އަހަރުން މަތީގެ ކޮންމެ މީހަކަށް 7،000 ރުފިޔާގެ އެލަވަންސެއް އަޅުގަނޑުމެން ދޭނަަން،" ރައީސް ވިދާޅުވި އެވެ.


އެމްޑީޕީން މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ވަޒީފާއިން މިހާރު މުސްކުޅި ކުރާން މަޖުބޫރުވާ އުމުރު 65 އަހަރުން 70 އަހަރަށް މަތިކުރަން ރައީސް ސޯލިހު ވަނީ ނިންމަވައިފަ އެވެ.
ސަރުކާރުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި ރިޓަޔާކުރާ އުމުރު 70 އަހަރަށް މަތިކުރި ނަމަވެސް 65 އަހަރު ވުމުން އެމީހަކު އެދޭ ނަމަ ރިޓަޔާ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތަށް އެދިގެން ރިޓަޔާކުރާ މީހުންނަށް ވެސް އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ދޭނެ އެވެ.
އުމުން ދުވަސްވީ މީހުންނަށް އިނާތެއް ދޭން ފުރަތަމަ ފެށީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އޭރު ދިނީ 2،000 ރުފިޔާ އެވެ. އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ އިނާޔަތް 5،000 ރުފިޔާއަށް ބޮޑުކުރި އެވެ.













