ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ، އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިލްހާމު އަހްމަދު މިރޭ އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
ޑީއާރުޕީ، ޕީޕީއެމް، ޖޭޕީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އިލްހާމް އެމްޑީޕީއަށް ބަދަލުވީ، ސެޕްޓެމްބަރު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ހޯދަން މިރޭ ހުވަދޫ ޖަގަހައިގައި ބޭއްވި ޖަލްސާގަ އެވެ.
މާލޭގައި ބޭއްވި އެ ޖަލްސާގައި އިލްހާމް ވަނީ ވާހަކަ ވެސް ދައްކަވައިފަ އެވެ.
ކުރިން ޑީއާރުޕީ އާއި ޕީޕީއެމްގައި ހުންނެވި ދުވަސްވަރު އެމްޑީޕީއާ ދެކޮޅަށް ވަރަށް ބޮޑަށް ވާހަކަ ދެއްކެވި އިލްހާމް މިރޭ ވަނީ އެމްޑީޕީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފައި ކަމަށެވެ. އެމްޑީޕީގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އުމުރަށް ވެސް ހުންނަވާނީ އެޕާޓީގައި ކަމަށެވެ.
ގއ. ގެމެނަފުށްޓަށް އުފަންވެވަޑައިގެންނެވި އިލްހާމްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޑީއާރުޕީންނެވެ.














