ހައިކޯޓުގެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި ރަސްމީ ދަތުރެއް ތާވަލުކޮށްފައިވާތީ, އަންނަ ހަފްތާގައި ރައީސް އަބްދުالله ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާނެ ކަމަށް މައުލޫމާތު ދީފި އެވެ.
އިސްތިއުނާފީ އަޑުއެހުމެއް ނުބާއްވާތީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރުން މިއަދު ހައިކޯޓަށް ދިއުމަށްފަހު ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދިން ގޮތުގައި, ކުރިއަށް އޮތް ތިން ހަފުތާގައި ވެސް އެ މައްސަލަ އެޖެންޑާ ކުރުމުގެ ވިސްނުމެއް ހައި ކޯޓުން ނުގެންގުޅެ އެވެ.
ހައި ކޯޓު ބޭރުގައި ހުންނަވައި ޕީއެންޑީގެ ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަޑުއެހުންތައް ލަސްވަނީ, ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަންނަވާތީ އާއި, އެ ކޯޓުގެ ރަސްމީ ދަތުރެއް ތާވަލުކޮށްފައި އޮތުމުންނެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރަކު 23 އިން ފެށިގެން އެބަ ޗުއްޓީ ނަންގަވާ. އަނެއްކާ ދެންމެ މި ލިބުނު މައުލޫމާތަކީ 25 އިން ފެށިގެން ހައިކޯޓުގެ ބޭފުޅުން ރަސްމީ ދަތުރުފުޅެއްގައި އެބަ ވަޑައިގަންނަވައޭ." އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު ހައިކޯޓުން ލިބުނު މައުލޫމާތުތަކުން, ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ދާއިރުވެސް ރައީސް ޔާމީންގެ ޝަރީއަތް ތާވަލު ނުކުރަން ރާވާފައިވާކަން ހާމަވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ހައި ކޯޓަށް ހުށަހަޅަފައިވާ އިސްތިއުނާފު މައްސަލައަކީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވެފައިވާކަން ސާބިތުވެ, ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ އެވެ. އެމަނިކުފާނު މިހާރު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
އާރަށުގެ އިސްތިއުނާފު މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވި މިމަހު ހަ ވަނަ ދުވަހު އެވެ.
އާރަށު މައްސަލައިގެ ފަސްފަހަތް؛
ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ (އެ މައްސަލައިގައި ދައުވާ ލިބޭ އަނެއް ފަރާތް) 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.
ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީކަމުގަ އެވެ.
ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.
ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.
ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރެއްވި އެވެ. ދެ ބޭފުޅުން ވެސް ވިދާޅުވާ ގޮތުން އެއީ ދެމެދުގައި ހިނގާފައިވަނީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެކެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.













