މިއަދާއި މާދަމާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ވިއްސާރަ އަލިވާނީ ބުދަ ދުވަހު ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
އެ އޮފީހުން ވަނީ މިއަދު 13:30 އިން ފެށިގެން 18:30 އާއި ހަމައަށް އއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އަދި އެ ސަރަހައްދަށް ގުުގުރުމާއެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުގެ ވެބްސައިޓުގައި ލަފާކޮށްފައިވާ ގޮތުން ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ އެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުންވެސް ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.












