ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި، އެ ބިމުގައި އަޅާފައިވާ "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ކުލި އެ ސަރުކާރުގައި ނިންމާފައިވާ ގޮތަށް 5،600 ރ. އަށް ކުޑަކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ހިޔާ ފްލެޓްތަކަށް އިންސްޓޯލްމެންޓުގެ ގޮތުގައި މަހަކު 10،000.ރ ލިބިގެން ނޫނީ އާބަންކޯގެ ލޯނުތައް ދައްކަން އުދަނގޫ ވާނެ ކަމަށް ސަރުކާރުން ފުރަތަމަ ބުންޏެވެ. އެއަށް ފަހު ފްލެޓް ލިބުނު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމުން، ފްލެޓްތައް ހަވާލުކުރީ މެއިންޓެނެންސް ފީއާއެކު މަހަކު 8،500.ރ ދައްކާ ގޮތަށެވެ.
އޭގެ ފަހުން ވެސް ކުލި ބޮޑު ވުމުގެ ޝަކުވާ ކުޑަނުވެ އެތައް ބަޔަކު ކުލި ނުދައްކާ ތިބުމާއެކު، މި އަހަރުގެ މެއި މަހުގެ ތެރޭގައި ސަރުކާރުން ވަނީ ހަތް އަހަރު ވަންދެން މަހަކު މެއިޓެނެންސް ފީއާއެކު މަހަކު 5،300 ރ. ދައްކަން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.
މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނާ ބައްދަލުކޮށް މުއިއްޒު ވިދާޅުވީ އޭނާ ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ އަހަރަކު ވެސް މަހަކު 5،600 ރ. ދައްކާ ގޮތަށް ކަމަށާއި އެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ދަންނަވަނީ ރައީސް ޔާމީންގެ ޒައާމަތުގައި ނިންމަވާފައިވާ އަގަށް، 5،600ރ. އަށް، [ކޮންމެ އަހަރަކު ވެސް އެ ވަރު ދައްކާ ގޮތަށް] އިރާދަކުރެއްވިއްޔާ ކުލި ކުޑަކޮށްދޭނަމޭ،" ދެ ސަރުކާރެއްގައި ހަތް އަހަރުގެ މުއްދަތަކަށް ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

ސަރުކާރު ކުންފުނިތަކުގެ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މިހާރު އެ ފްލެޓްތަކަށް ކަނޑައެޅިފައިވާ އަގަށް ވުރެ ކުޑަ އަގެއް ކަނޑައެޅޭޏެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ މީގެ ކުރިން އޭނާ ވެވަޑައިގެންނެވި ބައެއް ވައުދުތައް ވެސް ތަކުރާރު ކުރައްވައިފަ އެވެ. އެ ގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓް ލިބުނު މީހުން ކުރި ހަރަދުތައް ފޫބެއްދުމުގެ ގޮތުން 200،000 ރ. ކޮންމެ މީހަކަށް ވެސް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ރައީސް ޔާމީން ނިންމެވީ އެހެންނޭ، ފަސް ޑިޒައިނެއް ދީފައި، ތިބޭފުޅުން އަތަށް ފަސް ޑިޒައިނެއް ދީފައި، އެޗްޑީސީން ހަދައިދޭ ގޮތަށް، އެޗްޑީސީގެ ހަރަދުގައި ލޯނެއް ނަގައިގެން،" މުއިއްޒު ވިދާޅުވި އެވެ.
މި ސަރުކާރުން މި ފަހުން މާލެ މީހުންނަށް ދޫކުރި ގޯއްޗާއި މާލޭގައި ދިރިއުޅޭ މީހުންނަށް ދޫކުރި ފްލެޓްތައް އަތުލާނެ ކަމަށް އަޑު ފެތުރުނު ނަމަވެސް ސަރުކާރުން ދިން އެއްވެސް ގެދޮރެއް އަތުނުލާނެ ކަމުގެ ޔަގީން ކަން މުއިއްޒު މިއަދު ވެސް ދެއްވި އެވެ.













