ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުރި އިރު އިމާރާތްކުރަން ފެށި ހިޔާ ފްލެޓުތަކުގެ ފިނިޝިން އަށް ފްލެޓުވެރިން ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް އޭނާވި ވެވަޑައިގެންނެވި ވައުދާއެކު، ޖުމުލަ 1.34 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އިއްޔެ ރޭ ހުޅުމާލެ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ފިނިޝިން އަށް ދިޔަ ހަރަދުގެ ބަދަލުގެ ގޮތުން ދޭނީ އެވްރެޖުކޮށް ކޮންމެ ޔުނިޓަކަށް 200،000ރ އެވެ. ހިޔާ މަޝްރޫއުގެ ދަށުން 6،720 ޔުނިޓު ހަދާފައިވާއިރު އެކަމަށް ޖުމްލަ 1.34 ބިލިއަން ރުފިޔާ ހަރަދުވާނެ އެވެ.
ހައުސިން މިނިސްޓަރަކަށް މުއިއްޒު ހުންނަވައިގެން ފެށި ހިޔާ މަޝްރޫއުގެ އޮރިޖިނަލް ސްކޯޕްގެ ތެރޭގައި ފިނިޝިން މަސައްކަތް ނުހިމަނަ އެވެ. މުއިއްޒު އޭރު ވިދާޅުވި ގޮތުގައި ފްލެޓްތައް އަޅަން ހަވާލުކުރިއިރު ފިނިޝިން މަސައްކަތް ނުހިމެނީ، ހުރިހާ މަސައްކަތެއް ނިންމާފައި ހަވާލުކުރާ ފްލެޓްތަކަށް ވެރިފަރާތުން ގެންނަ ބަދަލުތަކުގެ ސަބަބުން ކޮންޓްރެކްޓަރާއި ޑިވެލޮޕަރާ މެދު ވެވޭ އެއްބަސްވުން ބާތިލުވާން މެދުވެރިވާތީ އެވެ.
އޭރުގެ ސަރުކާރާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ވިސްނީ އިތުރު ލޯނެއް ނަގައިގެން ފިނިޝިން މަސައްކަތް ނިންމާށެވެ. އެއީ 46 މިލިއަން ރުފިޔާގެ ލޯނެވެ. މި ސަރުކާރުގައި ވެސް ފުރަތަމަ ގެންގުޅުނީ މި ވިސްނުމެވެ.
ނަމަވެސް އެކި ސަބަބުތަކާ ހުރެ އެޗްޑީސީއަށް މި ލޯނު ނުނެގި ގިނަ ދުވަސްވުމާއި ފްލެޓްތައް ހަވާލުކުރުން ލަސްވާ ކަމުގެ ޝަކުވާތަކާ ހެދި މި ސަރުކާރުން ނިންމީ އެ މަސައްކަތް ނުކޮށް ކުރިން އެއްބަސްވެވިފައި އޮތް މިންވަރަށް ނިންމައި ފްލެޓްތައް އަވަހަށް ހަވާލުކުރާށެވެ.

ފިނިޝިން އަށް ރައްޔިތުންގެ ކުރަންޖެހޭ ހޭދައަށް ލުއިދިނުމުގެ ގޮތުން ހިޔާ ފްލެޓް ތަޅުދަނޑި ހަވާލުކުރި ތާރީހުން ފެށިގެން ހަ މަހުގެ ކުލި ނުނަގަ އެވެ. އެ ލުއިގެ ޖުމުލަ އަގު 200،000 މިލިއަން ރުފިޔާއަށް ވުރެ އިތުރެވެ.
އެވަރުގެ ބޮޑު ލުޔެއް ދީފައި ވަނިކޮށް މުއިއްޒުގެ 1.34 ބިލިއަން ރުފިޔާގެ ވައުދު ފުއްދާނީ ދައުލަތުގެ ބަޖެޓުން ކަމެއް، ނުވަތަ އެޗްޑީސީން ލޯނެއް ނަގައިގެން ކަމެއް ވިދާޅެއް ނުވެ އެވެ. އަދި ބަދަލު ދޭނެ މުއްދަތެއް ވެސް ހާމައެއް ނުކުރެ އެވެ.
މުއިއްޒުގެ ބެލުމުގެ ދަށުން ހެދި ހިޔާ ފްލެޓަށް މިވަރުގެ ބޮޑު ބަދަލެއް ދޭނިނުމުގެ އިތުރުން، މިހާރު އެތަނުގެ ލިފްޓު މަދުވެގެން ލިފްޓު އިތުރު ކުރާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.










