އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރުކުރުމަށް ދޮގު ހަބަރު ފަތުރަމުންދާ ކަމަށް ބުނެ އެފަދަ ހަބަރު ފެތުރުމުގައި ޒިންމާވާންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅައި، ޒިންމާދާރު ނޫސްވެރިކަމަށް ބާރު އަޅައިދިނުމަށް އިންޑިއާ ހައި ކޮމިޝަނުން މިއަދު އެދެފި އެވެ.
އިންޑިއާ ހައި ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ފޮރިން މިނިސްޓްރީ އަދި މީޑިއާ ކައުންސިލުގެ ސަމާލުކަމަށް ގެނެސްފައިވަނީ ދޮގު ހަބަރުކަމަށް އެ ހައިކޮމިޝަނުން ބުނާ ބައެއް ހަބަރުތަކުގެ ސްކްރީން ޝޮޓްތަކެކެވެ.
"އެކަމާ ޒިންމާވާންޖެހޭ ފަރާތާ ދެކޮޅަށް ފޮރިން މިނިސްޓްރީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން އެކަށީގެންވާ ފިޔަވަޅު އަޅައި، ޒިންމާދާރުކޮށް އަދި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑާ އެއްގޮތަށް ލިޔުމަށް އިރުޝާދުމަށް ދިނުމަށް [ހައި ކޮމިޝަނުން] އިލްތިމާސްކުރަން،" އެ ޓުވީޓުގައި ބުނެފައިވެ އެވެ.
އެ ޓުވީޓާއެކު ތިން ހަބަރެއްގެ ފޮޓޯ ހައި ކޮމިޝަނުން ލިޔެ އެވެ. އެ ތިން ހަބަރަކީ ވެސް ސައްހަ ނޫން ހަބަރު ކަމަށް އިންޑިއާއިން ބުނެ އެވެ.
މި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އިންޑިއާ ސަރުކާރުގެ ސިޓީއެއް ކަމަށް ބުނެ ދައުރުކުރި ލިޔުމަކާ ގުޅިގެން ވެސް އިންޑިއާ ހައި ކޮމިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.













