"އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން އިތުރު ސޯލާޕެނަލް ހަރުކުރުމަށް މާލެ-ހުޅުމާލެ ހައިވޭގެ ބައެއް ލޭނުތައް ބަންދު ކުރަން ނިންމައިފި އެވެ.
އެންވަޔަރަމެންޓު މިނިސްޓްރީން މިއަދު ބުނީ ސޯލާ ޕެނަލް ހަރުކުރުމަށް މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ދޮޅުގަޑިއިރަށް ހައިވޭގެ ބައެއް ލޭނުތައް ބަންދުކުރަން ނިންމާފަައިވާ ކަމަށެވެ.
އެގޮތުން މާލެ-ހުޅުމާލެ ހައިވޭ އާއި ބޯށިމާ ހިނގުން ކޮންމެ ދުވަހަކު ހެދުނު 10:00 އިން 11:30 އަށް ބަންދުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ބޯށިމާ ހިނގުމަކީ ހުޅުމާލެއަށް ދެވެން އޮންނަ މަގެވެ.
މިނިސްޓްރީން ބުނީ މި ގަޑިތަކުގައި ހައިވޭގެ ބައެއް ލޭނުތައް ބަންދުކުރިކަމުގައި ވިޔަސް އާއްމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ. އެހެންވެ މި މަސައްކަތް ކުރިއަށްދާާ ގަޑީގައި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް އެއްގަމުގެ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން 5.6 މެގަވޮޓް ސޯލާ ޕީވީ ހަރުކުރާއިރު ސޯލާ ޕެނަލްތައް ސްޓެލްކޯގެ ގްރިޑާ ގުޅާލާ، ކަރަންޓު އުފައްދަން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.


ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާ ބައެއް ސަރަހައްދުތައް
އެސްޕަޔާ މަޝްރޫއުގެ ސަބަބުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެޔޮ އިމްޕޯޓު ކުރުމަށް ކުރުމަށް ކުރާ ހަރަދާއި އަދި ކަރަންޓުގެ ސަބްސިޑީއަށް ކުރާ ހޭދަ ކުޑަވެގެންދާނެ އެވެ. މި ނިޒާމުގެ ތެރެއިން 9.1 މިލިއަން ކަރަންޓް ޔުނިޓު އުފައްދާއިރު ދައުލަތުން ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް އަހަރަކަށް 15 އާއި 20 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް މިނިސްޓްރީން އަންދާޒާކުރެ އެވެ.
މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކުމަށް ހަމަޖެހިފައިވާ ރޭޓަކީ ޔުނިޓަކަށް 10.09 ޔޫއެސް ސެންޓެވެ. އެއީ ދިވެހި ރުފިޔާއިން ކަރަންޓް ޔުނިޓަކަށް އެއް ރުފިޔާ 68 ލާރި އެވެ. އެސްޕަޔާ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ.












