ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއްގައި ބައެއް ޕާޓީތަކުން އެމަނިކުފާނަށް ތާއީދު ކުރާނެކަމުގެ ސިގުނަލް ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިއްޔެ ވެސް ބައެއް ޕާޓީތަކާ ވާހަކަ ދައްކާފައިވާ ކަމަށާއި ގުޅިގެން ކުރިއަށްދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ދެ ވަނަ ބުރަށް ނުދިޔަ ބައެއް ޕާޓީތަކާއެކީ އިއްޔެ ވެސް ބައެއް ވާހަކަތައް ދެކެވިފަ އެބަ ހުރި. އަޅުގަނޑުމެންނާއެކީ ކުރިއަށްދާނެކަމުގެ ސިގްނަލް ދެއްވާފައި ތިބި ބައެއް ބޭފުޅުން އެބަ ތިއްބެވި. ރަސްމީކޮށް އެކަން އިއުލާނު ކުރެވޭ ހިސާބަކަށް ނުދޭ،" ރައީސް ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ އިދިކޮޅު ޕީޕީއެމް ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 100،691 ވޯޓު ހޯއްދެވި އެވެ. އެއީ ވޯޓުލީ އާބާދީގެ 45.1 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސޯލިހަށް ލިބިވަޑައިގަތީ 85،260 ވޯޓެވެ. އެއީ 38.2 ޕަސެންޓު ވޯޓެވެ.
އޭގެ އިތުރުން މިއަދުގެ ފޯން އިންޓަވިއުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ދޭއް ނުވަތަ ތިން ޕާޓީން އެމަނިކުފާނާ ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ދެން އޮންނަ މަސައްކަތަކަށް ވާނީ އެ މަސައްކަތް. އިރާދަކުރެއްވިއްޔާ ދެ ބަޔެއް ނުވަތަ ތިން ބަޔެއް އަޅުގަނޑުމެންނާ އެކީގައި ދާނެ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ތިން ވަނަ ހޯއްދެވީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބެވެ. އޭނާއަށް ލިބިވަޑައިގަތީ 15،528 ވޯޓެވެ. އެއީ ވޯޓުލީ އާބާދީގެ ހަތް ޕަސެންޓެވެ. އޭގެ އިތުރުން އުމަރު ނަސީރަށް 2.8 ޕަސެންޓު ވޯޓު އަދި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމަށް 2.4 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.
އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމާއި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ހަސަން ޒަމީލަށް ވެސް މަދު ވޯޓުކޮޅެއް ލިބިވަޑައިގަތެވެ.














