މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަ ކުރި ކުދި ޕާޓީތަކާއި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު ވަރަށް ބޮޑަށް ދަށްވެ، ރާއްޖޭގައި ތާއިދު ބޮޑީ އިދިކޮޅު ޕީޕީއެމް އަދި ވެރިކަން ކުރާ އެމްޑީޕީގެ ފިކުރުކަން ހާމަވެއްޖެ އެވެ.
ރިޔަސީ އިންތިހާބުގައި މިހާތަނަށް 160،000 އަށް ވުރެ ގިނަ ވޯޓު ގުނިއިރު، އެންމެ ކުރީގައި އުޅެނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ މިހާތަނަށް ގުނި ވޯޓުތަކުގެ 45 ޕަސެންޓަށްވުރެ ގިނައިން ހޯދައިފަ އެވެ.
ދެ ވަނައަށް އެންމެ ގިނައިން ވޯޓު ލިބުނު މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާތަނަށް ލިބިވަޑައިގެންނެވީ 39 ޕަސެންޓު ވޯޓެވެ. ތިން ވަނައަށް އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބަށް މިހާތަނަށް ހޯދުނީ ހަ ޕަސެންޓު ވޯޓެވެ.
ބާކީ ތިއްބެވި ފަސް ކެންޑިޑޭޓުންނަށް ވޯޓު ލިބުނީ ވަރަށް މަދުންނެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް މިހާތަނަށް ލިބިވަޑައިގަތީ އެންމެ ތިން ޕަސެންޓު ވޯޓެވެ. އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ތިން ޕަސެންޓު ވޯޓު ހޯއްދެވިއިރު ކެންޑިޑޭޓް ފާރިސް މައުމޫނާއި މުހައްމަދު ނާޒިމާއި ހަސަން ޒަމީލަށް ލިބުނު ވޯޓު އެންމެ ޕަސެންޓަކަށް ވެސް ނާރަ އެވެ.
މިހާތަނަށް ގުނި ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މި ރިޔާސީ އިންތިހާބުގައި 50 ޕަސެންޓަށްވުރެ ގިނައިން އެއް ކެންޑިޑޭޓަކަށް ލިބިވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންކަމުން، މި ސެޕްޓެމްބަރު 30، ގައި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރެއް އޮންނާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު 282,395 މީހުންނަށް ލިބޭއިރު ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓު މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. އެއީ ގާތްގަނޑަކަށް 211،796 މީހުންނެވެ. އެހެންކަމުން މިއީ ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން ވޯޓު ދިން ފަހަރެވެ.














