މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މާދަމާގެ ވޯޓުލުން ފެށޭނީ ހެnދުނު 8:00 ގަ އެވެ. ވޯޓު ފޮށިތައް، ކިއުއެއް ނެތް ނަމަ ހަވީރު 4:00 ގައި ބަންދުކުރާނެ އެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ވަގުތުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށެވެ.
"ރާއްޖޭގެ ދެކުނަށް މޫސުން ރަނގަޅުވާނެ، މެދުރާއްޖެތެރެ އަދި އުތުރުގެ ރަށްރަށް ކުޑަކޮށް ކެރީގެ އަސަރު ކުރި ނަމަވެސް އާންމު ގޮތެއްގައި ރަނގަޅުވާނެ، ވަޔާއި ކަނޑުތައްވެސް މަޑުވާނެ ކަމަށް ފެންނަނީ،" މެޓުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވި އެވެ.
މާދަމާ ބޭއްވޭ ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 574 ވޯޓުފޮށި ބަހައްޓަން ކޮމޝަނުން ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބަހައްޓާ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބަހައްޓާ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ބަހައްޓާ ހަ ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އިންތިހާބަށް އިލެކްޝަންސް ކޮމިޝަން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، ކެންޑިޑޭޓުންގެ ކެމްޕޭނުތައް ނިންމުމަށް މިއަދު ހަވީރު މާލޭގައި ބާއްވާ ހަރަކާތްތައް ސުލްހަވެރިކޮށް ކުރިއަށް ގެންދިޔުމަށް އެދޭ ކަމަށެވެ.














