ނިމިދިޔަ ފަސް އަހަރު ތެރޭގައި މި ސަރުކާރުން އެކި ދާއިރާތައް ކުރިއެރުވުމަށް ކުރި އަދި ކުރަމުންދާ މަސައްކަތްތައް ހުއްޓުވާ، ސަރުކާރު ބަދަލުކުރުމުގެ ރޫހެއް ރާއްޖޭގެ އެއްވެސް ދިމާލަކުން ފެނިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް 24 ގަޑިއިރަށްވުރެ ކުޑަތަންވެފައިވަނިކޮށް ކެމްޕޭނުގައި ފ. ނިލަންދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ މާދަމާގެ ވޯޓު ގުޅިފައިވަނީ ވަރަށް ގިނަ ކަންކަމާ ކަމަށާއި ވޭތުވެދިޔަ ފަސް އަހަރު ސަރުކާރުން ކުރި ކަންކަމާމެދު ރައްޔިތުން ވިސްނުން މުހިންމު ކަމަށެވެ.
"މާދަމާ ލާ ވޯޓުން މި ދެންނެވި ކަންތައްތައް ހުއްޓުމަށް އައުމަކީ އެކަށީގެންވާ ކަމެއް، އަޅުގަނޑަކަށް އެކަމަކު އެތަނެެއް ރާއްޖޭގެ އެއްވެސް ދިމާލަކުން ނުފެނޭ، އަޅުގަނޑަށް ފެންނަނީ މި ކާމިޔާބީގެ އޮޑިއަށް ތިބޭފުޅުން އަރައިވަޑައިގަންނަވަން،" ރައީސް ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވީ މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރި އެކި ދާއިރާތައް ފާހަގަކުރެއްވުމަށްފަހު އެވެ. އެގޮތުން، އިގުތިސޯދު ކުރިއެރުވުމަށާއި، މަސްވެރިކަން ކުރިއެރުވުމަށާއި، ބާކީވެފަ ތިބި ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ކުޅިވަރު ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމަށް އެންމެ ބުރަ މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ. މިސާލު ނެންގެވީ ރާއްޖޭގެ އެތުލީޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދި، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް މުބާރާތުންނެވެ.
"ރާއްޖޭގެ މިނިވަންކަން އެންމެ ރަނގަޅަށް ދިފާއުކުރެވުނު ފަސް އަހަރަކީ މިދިޔަ ފަސް އަހަރު، ރާއްޖޭގެ ގައުމިއްޔަތު ދަމަހައްޓަން މިހާތަނަށް ސަރުކާރަކުން ކުރެވުނު އެންމެ ބުރަ މަސައްކަތް ކުރެވި ދެމެހެއްޓިފަ އޮތީ މިދިޔަ ފަސް އަހަރު ތެރޭގަ" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ވެސް، އިސްރައްވެހިންނާއި އަންހެނުން، އަދި ދީނީ އިލްމުވެރިންނަށްޓަކާ އެންމެ ބުރަ މަސައްކަތެއް ކުރީ މި ސަރުކާރުން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.
ރިޔާސީ ކެމްޕޭނުގެ ފަހު ދުވަހު ރައީސް ދެން ވަޑައިގަންނަވާނީ ފ. ބިލެއްދޫއަށެވެ. އަދި، ހުކުރަށްފަހު ކ. ހިންމަފުށި އަދި ދިއްފުށްޓަށް ވަޑައިގަތުމަށްފަހު ހަވީރު މާލޭގައި ބާއްވާ އެމްޑީޕީ ކެމްޕޭން ނިންމުމުގެ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.













