ރާއްޖޭގެ ބިންތަކެއް 99 އަހަރަށް ކުއްޔަށްދިނުމަށާއި އެގައުމުގެ އިތުރު މަތިންދާބޯޓުތަކެއް ރާއްޖެއަށް ފޮނުވަން އެދި އިންޑިއާއިން ފޮނުވި ސިޓީއެއް ކަމަށް ބުނެ ބައެއް މީޑިއާތަކުން ފެތުރި ސިޓީއަކީ އަސްލެއް ނޫން ކަމަށް އިންޑިއާ ހައިކޮމިޝަނުން ކަށަވަރުކޮށްދީފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި އެގައުމުގެ އެކްސްޓާނަލް މިނިސްޓަރް ޖައިޝަންކަރަށް ނިސްބަތްކޮށް ދައުރުކުރަމުންދާ "ފޭކް ސިޓީ" ފެނިފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. އެއީ ދެގައުމުގެ ގުޅުމަށް ބުރޫ އަރުވަން ކުރާ މަސައްކަތެއް ކަމަށް ޓްވީޓުގައި ހައިކޮމިޝަނުން ސިފަކުރި އެވެ.
ދައުރުކުރަމުންދާ ސިޓީއަކީ އަސްލެއް ނޫން ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް މިއަދު ބުންޏެވެ.
މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ބޭރު ގައުމެއްގެ ވެރިޔެއްގެ ނަން މަތީގައި 'ފެބްރިކޭޓް' ކޮށް ފަތުރަމުންދާ ސިޓީއެއްގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީގައި ހިމެނޭ މައުލޫމާތު ނޫހެއްގައި ޝާއިރުކޮށްފައިވާތީ، އެގޮތަށް ކަންތައް ނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކުރި އެވެ.
"އެ ސިޓީއަކީ އަކީ އަސްލެއް ނޫން، ސިޓީގައިވާ ވާހަކަތަކަކީވެސް އަސްލެއް ނޫން، ގާތް ގައުމަކާއެކު އޮތް ގުޅުމަށް ބުރޫއަރާފާނެ ގޮތަކަށް ފަތުރަމުންދާ މި ސިޓީ މި މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ ބަޔާނުގައިވެ އެވެ.

މިނިސްޓްރީގެ ޓުވީޓުގައި އިތުރަށް ވަނީ އާންމުން އަދި ނޫސްވެރިންވެސް ޒިންމާދާރުވެ، ދޮގު މައުލޫމާތު ނުފެތުރުމަށް ނަސޭހަތްތެރިވެފަ އެވެ.













