ޕީއެންސީ/ޕީޕީއެމްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ހަރަދު މީޑިއާތަކަށް ހާމަކުރުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިންކާރުކުރައްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިހާތަނަކަށް އެޕާޓީގެ ކެމްޕޭނު ހަރަކާތްތަކަށް ކިހާ ފައިސާއެއް ހޭދަވިތޯ "އަދަދު" ނޫހުން ކުރި ދުވާލަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ އިންތިހާބުގެ ކެމްޕޭނަށް ކުރާ ހޭދައަކީ ނޫސް ކޮންފަރެންސްތަކުގައި މީޑިއާތަކަށް ހާމަކުރަން ޖެހޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
"ކެމްޕޭނު ހަރަދާ އެދޭ މައުލޫމާތު އަޅުގަނޑުމެން ނޫސް ކޮންފަރެންސްގައި ހާމަކުރާކަށް ބޭނުމެއް ނުވޭ. އެ ނުވެސް ޖެހޭނެ ދެއްތޯ. އެއީ ކެމްޕޭނަށް ކުރާ ހަރަދުގެ ތަފްސީލު ދޭން ޖެހޭނީ އިލެކްޝަން ކޮމިޝަނަށް އެކަނި. އެހެންވީމަ އެއީކީ އަޅުގަނޑުމެން ނޫސްވެރިންނާ ހިއްސާކުރަން ޖެހޭ މައުލޫމާތެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީންގެ ކެމްޕެއިން ބަޖެޓަށް ހޯއްދެވި ފައިސާ
- ޝިމްލާ ނަސީމް - 3،000،000ރ.
- މުހައްމަދު ޝަވީދު - 3،000،000ރ.
- މުހައްމަދު ނަޝީދު - 8،000،000ރ.
- ޕީޕީއެމްއިން - 3،000،000ރ.
- ޔާމީން އަމިއްލަ ޖީބުން - 5،000،000ރ.
ޔާމީންގެ ހަރަދުތަކުގެ ބްރޭކްޑައުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން 2018 ވަނަ އަހަރު ހިންގެވި ކެމްޕޭނުގެ މާލީ ބަޔާނުގައި ފައިސާ ހަރަދު ކުރިވަރު ހިމަނާފައި ހުރީ ތަރުތީބު ކުރުމެއް ނެތި އެވެ. އަދި ފައިސާ ދިން ބޭނުމެއް ނޭނގޭ ގޮތަށް ވެސް އެކި މީހުންނާ ފައިސާ ހަވާލުކޮށްފައި ހުއްޓެވެ.
ފައިސާ ހަރަދު ކުރި، ބައެއް ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، ދެ ނޫސްވެރިއަކަށް ދިން 80،000ރ. އާއި ކެމްޕެއިން ހަރަކާތް ހިންގުމަށް "ރިސޯޓް ބޯއީސް" އަށް ދިން 100،000ރ. އަކާއި 150،000ރ. އާއި ހދ. ކުޅުދުއްފުށީގައި އީދު ކުޅިވަރު ބޭއްވުމަށް ވަކި މީހަކު ނޭނގޭ ގޮތަށް ދީފައިވާ 100،000ރ. އާއި ލޯނެއް ދެއްކުމަށް ކަމަށް ބުނެ ލ. މާބައިދޫ، އިބްރާހިމް ދީދީއަށް ދިން 298،000ރ. އާއި ހަމައެކަނި "ކެމްޕެއިން އެކްޓިވިޓީޒް" ގެ ނަމުގައި ހަރަދުކޮށްފައި އޮތް 3.3 މިލިއަން ރުފިޔާ ހިމެނެ އެވެ.

އޭގެ އިތުރުން، އެމްޑީޕީގެ ވޯޓު ބަދަލުކޮށްލުމަށް މެމްބަރު އަހުމަދު ރަޝީދަށް ދިން 75،000ރ. އާއި ހަމަ އެ ބޭނުމުގައި ސައީދު އަނީސް ނަމަކަށް ކިޔާ މީހަކަށް ދިން 77،000ރ. އާއި އަލީ އާދަމް ކިޔާ މީހަކަށް ދިން 62،000ރ. އާއި އާއި މުހައްމަދު އަލީ ކިޔާ މީހަކަށް ދީފައި އޮތް 50،000ރ. ހިމެނެ އެވެ.
ޕީޕީއެމްގެ ރައީސަކު ދެ ވަނަ ދައުރަށް ހޮވުމަށް ކުރި ކެމްޕެއިނުގައި ވަކިވަކި މީހުންނާ ހަވާލުކޮށްފައިވާ ފައިސާ ގިނަކަން ފާހަގަވެ އެވެ. އޭގެ ތެރޭގައި:
- މެމްބަރު އިބްރާހިމް ފަލާހު (ދަތުރުފަތުރުތަކަށާއި، އިހަވަންދޫ މަސްވެރިނަށާއެކު ޖުމުލަ 178،190ރ.)
- އަބްދުއްރަހީމް އަބްދުﷲ (ފޮނަދޫ ދާއިރާއަށް 125،000ރ.)
- ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (ފައިނު ދަތުރަކާއި، ތަފްސީލު ނެތި ޖުމުލަ 39،825ރ.)
- މެމްބަރު ޖައުފަރު ދާއޫދު (މާކުރަތު ޖަގަހަ މަރާމާތުކުރުމާއި، އުނގޫފާރު ދާއިރާއަށް 110،729ރ.)
- މިނިސްޓަރު މޫސާ ޒަމީރު (އައްޑޫ ދަތުރަކާއި، ތަފްސީލު ނެތް ހަރަދަކަށް 44،420ރ.)
- މިނިސްޓަރ އާއިޝަތު ޝިހާމް (ނ.އަތޮޅު ދަތުރުތަކަށް 8932ރ.)
- މެމްބަރު މުހައްމަދު އިސްމާއީލް (ކޮޅުފުށި ދަތުރާއި އިސްދޫ ދާއިރާއަށް 107،728ރ.)
- މެމްބަރު މުހައްމަދު އަލީ (ޔާމީންގެ ދަތުރުތަކާ ގުޅިގެން 140،000ރ.)
- މެމްބަރު މުހައްމަދު ޝާހިދު (އައްޑޫ ދަތުރުތަކަށް 75،000ރ.)
- މެމްބަރު އަހުމަތު ތޯރިގް (މަހިބަދޫ ކެމްޕޭނާއި ޖަލްސާއަށް 110،000ރ.)
- މެމްބަރު އަހުމަދު އާމިރު (ތަފްސީލު ނެތި 50،000ރ.)
- މިނިސްޓަރު މުހައްމަދު ޝައިނީ (ށ.އަތޮޅު ދަތުރުތަކަށް 67،800ރ.)
- މެމްބަރު އަހުމަދު ނިހާން (ކެމްޕޭން ކެންވަސް ޕްރިންޓު ކުރުމަށް – 115،313ރ.)
- މެމްބަރު އަބްދުﷲ މަސީހު (ފުވައްމުލަކު ދަތުރުތަކަށް 8،330ރ)
- ޒައިދުލް އަމީން (ތަފްސީލު ނެތް - 20،000ރ)
- މިނިސްޓަރު އަހުމަދު ޒިޔާދު (ބ. އަތޮޅު، ދަތުރަށް – 42،280ރ.)












