ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޝަކުވާތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ ކަން ފަސޭހައިން ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ހައި ކޯޓުން މުހިންމު ފިޔަވަޅުތަކެއް އަޅައިފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާން ކުރާ ގޮތުން އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސޯސް ލިބިގެން ވަނީ ހައި ކޯޓަށެވެ.
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބާ ގުޅޭ ޝަކުވާތައް ހުށަހަޅަން ފުރުސަތު ދިނުމުގެ ގޮތުން އެ ދުވަހާއި ޖެހިގެން އަންނަ އާދީއްތަ ދުވަހު ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް ހައި ކޯޓުގެ ކައުންޓަރު ހުންނާނީ ހުޅުވައިފަ އެވެ.
ހޯމަ ދުވަހުން ފެށިގެން ޝަކުވާ ހުށަހަޅަން އޮންނަ މުއްދަތު ހަމަވަންދެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 3:00 އަށް އަދި ރޭގަނޑު 8:00 އިން 11:00 އަށް ހައި ކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ.
އިންތިހާބުގައި ހިނގައިދިޔަ ކަމަކާ ގުޅިގެން ޝަކުވާ ހުށަހަޅާނަމަ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނު ބުނާ ގޮތުން، އެ އިންތިހާބެއްގެ ރަސްމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 14 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ ޝަކުވާއެއް ހުށަހަޅަން ޖެހެ އެވެ. އެ މުއްދަތު ގުނާނީ ރަސްމީ ބަންދު ދުވަސްތައް ވެސް ލައިގެންނެވެ.

އިންތިހާބީ ޝަކުވާތައް އޮންލައިންކޮށް ހުށަހެޅުމަށް registration@highcourt.gov.mv އަށް އީމެއިލް ކުރެވޭނެ އެވެ. އަދި މައުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ކޯޓުގެ ކައުންޓަރު ހުޅުވާފައި ނެތް ގަޑިތަކުގައި އެ ކަން ކުރުމަށް ގުޅޭނެ ނަންބަރެއް ވެސް ހަމަޖައްސާފައިވެ އެވެ. އެއީ 7902206 އެވެ.
ހައި ކޯޓުގެ ވެބްސައިޓުން އެ ކަމަށް ބޭނުންވާ ފޯމު ވެސް ޑައުންލޯޑު ކުރެވޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.
މައްސަލަ ހުށަހަޅާއިރު މައްސަލަ ހުށަހަޅާ ސަބަބާއި އޭގެ ތަފްސީލް އަދި މައްސަލައާ ގުޅޭ ހެކިތައް ހުށަހެޅުމަށް ސަމާލު ކަން ދިނުމަށް ހައި ކޯޓުން އިލްތިމާސްކޮށްފައިވެ އެވެ.












