ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.
ރީނދޫ ސަމާލު ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 7:30 އިން ފެށިގެން 11:30 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ މި ގަޑިތަކުގައި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑީރަށް ބަލާއިރު ވެސް، މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލަކު މި ނޫހަށް ވިދާޅުވި އެވެ. މިގޮތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފަ އެވެ.













