ސެޕްޓެމްބަރު 9, ގައި ރިޔާސީ އިންތިހާބު ބާއްވާތީ, ޖެހިގެން އަންނަ އާދިއްތަ ދުވަހު ސަރުކާރު ބަންދު ކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިއަދު ނެރުނު ދެންނެވުމުގައި ބުނީ, ސެޕްޓެމްބަރު 10، ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
އާދިއްތަ ދުވަސް ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު 9، އަކީ އިންތިހާބު ބާއްވާ ދުވަސް ކަމަށް ވުމާއެކު، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ އެވެ.
އެ ދުވަސް ބަންދުކުރީ, އެކަމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހެވެ. ދެ ވަނަ ބުރަކަށް ގޮސްފި ނަމަ އެ އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސެޕްޓެމްބަރު 30، އެވެ. މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 282،000 އަށް އަރަ އެވެ.

ރިޔާސީ އިންތިހާބުގައި މިފަހަރު ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް އީސީއިން ވަނީ ނިންމާފަ އެވެ. އޭގެތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި ބެހެއްޓޭ 176 ފޮއްޓާއި އަތޮޅު ތެރޭގައި ބެހެއްޓޭ 319 ފޮށިީގެ އިތުރުން، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖެއިން ބޭރުގައި އަށް ފޮށި، އަދި ޖަލުތަކާއި ސިނާއި ރަށްރަށުގައި ހަ ފޮއްޓެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް ސޯލިހުގެ އިތުރުން ސިޔާސީ ޕާޓީތަކުން ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ މުހައްމަދު މުއިއްޒާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަކުރައްވަ އެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެނީ ވޯޓުލީ މީހުންގެ 50 ޕސެންޓުގެ އިތުރުން އެއް ވޯޓު ލިބިގެނެވެ. އެ ވަރަށް އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަަމަ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ލިބުނު ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.














