ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުން ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ބޭންކު އެކައުންޓަށް، އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު، ކުލީގެ ގޮތުގައި ބޭރުގެ ކުންފުނިތަކުން ފައިސާ ޖަމާވެފައި ނުހުންނާނެ ކަމަށް ވިދާޅުވެފައި ވާއިރު، އެފަދަ ޓްރޭންސެކްޝަންތަކެއް ހިންގާފައިވާކަމަށް އިއްޔެ މި ނޫހުން ރިޕޯޓުކުރި އެވެ.
ހައުސިން މިނިސްޓަރު ކަމުގައި ފެބްރުއަރީ 2012 އިން ނޮވެމްބަރު 2018 އަށް ހުންނެވި، މުއިއްޒުގެ އަމިއްލަ އެކައުންޓަށް, އޭނާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވިއިރު، ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގި ބައެއް ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެ އެވެ.
"އަދަދު" ނޫހުގެ ނޫސްވެރިން ހޯދައި, ބެލި ލިޔުންތަކުން ފެންނަން ހުރި ގޮތުގައި ޖެނުއަރީ 2015 އިން ފެށިގެން ނޮވެމްބަރު 2018ގެ ނިޔަލަށް މުއިއްޒުގެ އެކައުންޓަށް ބޭރުގެ ކުންފުނިތަކާއި ރާއްޖޭގެ ބައެއް އަމިއްލަ ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައިވެ އެވެ. އަދި މުއިއްޒުގެ އެކައުންޓުން ގިނަ އަދަދެއްގެ ޓްރާންސެކްޝަން އެކި ފަރާތްތަކަށް ހަދައިފައި އެބަ ހުއްޓެވެ.
މުއިއްޒުގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ހުޅުވާފައިވާ ޔޫއެސް ޑޮލަރު އެކައުންޓަށް ފެބްރުއަރީ 01, 2017 އިން ފެށިގެން އޮކްޓޯބަރު 15, 2018 ގެ ނިޔަލަށް ޖަމާވެފައިވާ ޔޫއެސް ޑޮލަރުގެ ތަފްސީލު ލިޔެކިޔުންތަކެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.
އެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ފާހަގަކޮށްލެވޭ ބޮޑު އަދަދުތަކެއް ތިން ކުންފުންޏަކުން މުއިއްޒުގެ އަމިއްލަ ނަމުގައި އޮތް ޑޮލަރު އެކައުންޓަށް ޖަމާކޮށްފައިވެ އެވެ.

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔެއްގެ ކުންފުންޏަކުން މުސާރައިގެ ގޮތުގައި 2015 ވަނަ އަހަރު އެއް މިލިއަން ރުފިޔާ މުއިއްޒުގެ އެކައުންޓަށް ވަނީ ޖަމާކޮށްފައިވެ އެވެ. އެ ފައިސާ މުއިއްޒަށް ދިންކަން އެ ކުންފުނީގެ ފަރާތުން ވެސް "އަދަދު" ނޫހަށް ކަށަވަރުކޮށް ދިނެވެ.
މިފަދަ މުއާމަލާތްތަކެއް ހިންގާފައިވާއިރު، މި ނޫހުގެ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އޭނާގެ އަމިއްލަ އެކައުންޓަށް ގަވާއިދާ ހިލާފަށް އެއްވެސް ފައިސާއެއް ޖަމާވެފައި ނޯންނާނެ ކަމަށެވެ. އަދި ހުކުރު ދުވަހުގެ ރޭ ލ. ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ "އަޅުގަނޑު ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯންނާނެ" ކަމަށާއި ފޮރުވާނެ އެއްވެސް ކަމެއް ވެސް ނެތް ކަމަށެވެ.
މި ހަބަރާ ގުޅިގެން މުއިއްޒާމެދު އާންމުންގެ ފާޑުކިޔުން އޮހެން ފެށުމުން އޭނާ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލު ރައްދު ދިނެވެ.
ފައިސާ ޖަމާކޮށްފައިވާ ގޮތާއި އެކަމަށް ތޮލާލުގެ ރައްދު
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ވެރިކަމުގެ މި ދައުރުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ކިޔެވުމަށް ހުޅުވާލި ފުރުސަތުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވި އެވެ. ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ސްކީމަކީ އޭގެ ސަބަބުން މުޅި ރާއްޖެ ބަދަލުކޮށްލާނެ މަޝްރޫއުތަކެއް ކަމަށެވެ.
އޭގެ ތެރޭގައި ވެސް އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ދެތިން ކަމެއްގެ ތެރޭގައި ދަންނަވާނީ، ކުދިންނަށް މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތުތައް، ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ދިނުމަށް ސަަރުކާރުން ފެށި މަޝްރޫއު، އަޅުގަނޑު ހިތުން މިއީ މުޅި ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް. ރާއްޖެއަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް މި އަންނަނީ،"
ދުވަހުގެ ފޮޓޯ

ރޭ ސަންގު ޓީވީން ގެނެސްދިން ރިޔާސީ އިންތިހާބުގެ ބަހުސް ފެށުމުގެ ކުރިން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ސަލާމްކުރަން ވަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު










