މި ދައުރުގައި ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ ކިޔެވުމަށް ހުޅުވާލި ފުރުސަތުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ސްކީމަކީ އޭގެ ސަބަބުން މުޅި ރާއްޖެ ބަދަލުކޮށްލާނެ މަޝްރޫއުތަކެއް ކަމަށެވެ.
"އޭގެ ތެރޭގައި ވެސް އަޅުގަނޑަށް އެންމެ ފާހަގަ ކުރެވޭ ދެތިން ކަމެއްގެ ތެރޭގައި ދަންނަވާނީ، ކުދިންނަށް މަތީ ތައުލީމު ހާސިލް ކުރުމަށް ހުޅުވާލި ފުރުސަތުތައް، ހިލޭ ޑިގްރީ އާއި ސްކޮލާޝިޕް ދިނުމަށް ސަަރުކާރުން ފެށި މަޝްރޫއު، އަޅުގަނޑު ހިތުން މިއީ މުޅި ރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެއް. ރާއްޖެއަށް ވަރަށް ބޮޑެތި ހެޔޮ ބަދަލުތަކެއް މި އަންނަނީ،" ރައީސް ވިދާޅުވި އެވެ.
މި ދައުރުގައި ކުރެވުނު އެންމެ ބޮޑެތި ކަންކަމުގެ ތެރޭގައި މަގުމަތީގެ އަމާންކަން ހިފެހެއްޓުން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.
"ދެ ވަނަ ކަމަކަށް އަޅުގަނޑަށް ފާހަގަ ކުރެވޭ ކަމަކީ ހަމަޖެހުން. މަގުމަތީގެ އަމާން ކުރަން އަޅުގަނޑުމެން ފެށި މި މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ. އެކަމުގައި ހާއްސަކޮށް ފުލުހުންގެ ދައުރު އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަ ކުރަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން، މި ދައުރުގައި އެމަނިކުފާނު ކުރަން ބޭނުންވެވަޑައިގެންނެވި ނަމަވެސް ނުކުރެއްވުނު މަސައްކަތެއް ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑު ވަރަށް ބޭނުންވި ކަމެއް އެއީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުން. އެކަމަކު ކޮވިޑާ ހެދި އެކަމަށް ތައްޔާރެއް ނުވެވުނު،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ. އޭގެ އިތުރުން ފާރިސް މައުމޫނާއި އުމަރު ނަސީރާއި ހަސަން ޒަމީލް އަމިއްލަ ގޮތުން ވާދަ ކުރައްވަ އެވެ.











