ގދ. ތިނަދޫގައި އިމިގްރޭޝަނުން ދޭ ދިވެހި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ފަށާ މިއަދު ރަސްމީކޮށް ޕާސްޕޯޓު ދޫކުރަން ފަށައިފި އެވެ.
މިއަދު ތިނަދޫގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. ރައީސް ސޯލިހު ތިނަދޫއަށް ވަޑައިގެންނެވީ މިހާރު ކުރައްވަމުން ގެންދަވާ ރިޔާސީ ކެމްޕޭނުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހްމަދު ހުސައިން (ހަނަފީ) އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވެސް ބައިވެރިލެއްވި އެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ޕާސްޕޯޓުގެ ހިދުމަތަށް އެދި މިހާރު ހުށަހެޅޭނީ އޮންލައިންކޮށް، އިމިގްރޭޝަންގެ ޑިޖިޓަލް ޕްލެޓްފޯމް 'އިމުގާ' މެދުވެރިކޮށް ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓާއި ހަވާލުވުމަށް މިހާރު ގދ. ތިނަދޫ އިހްތިޔާރު ކުރެވޭނެ ކަމަށެވެ.
"ގދ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ހިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު އަށަކުން މެންދުރު ފަހު ތިނަކަށް ލިބިލައްވާނެ. އިމިގްރޭޝަންގެ އަމާޒަކީ ހިދުމަތްތައް ލާމަރުކަޒުކޮށް ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން" އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތިނަދޫއިން ޕާސްޕޯޓުގެ ހިދުމަތް ލިބިގަތް ފުރަތަމަ ފަރާތަށް ޕާސްޕޯޓު ވަނީ ހަވާލުކޮށްފަ އެވެ.
ތިނަދޫއާއެކު ރާއްޖޭގެ ހަ ސަރަހައްދަކުން މިހާރު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ އެވެ. އެއީ ތިނަދޫގެ އިތުރުން މާލެ ސިޓީ، އައްޑޫ ސިޓީ ފުވައްމުލަށް ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫ އެވެ.













