ގދ. އަތޮޅުގެ ވެރިކަންކުރާ ރަށް، ތިނަދޫއަކީ 1962 ގައި ފަޅުކުރުމަށް ފަހު ހަތަރު އަހަރު ވަންދެން އެ ގޮތުގައި އޮތް ރަށެކެވެ. ތިނަދޫ އަލުން އާބާދުކުރީ 1966 ގަ އެވެ. މިއަދު ރަށުގެ ރައްޔިތުން އިންތިޒާރުގައި ތިބީ، އެ ރަށަށް ސިޓީގެ ދަރަޖަ ލިބޭތޯ އެވެ. އެ ދަރަޖަ ހޯދުމަށް މަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.
މިއަދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތިނަދޫއަށް ވަޑައިގަންނަވާއިރު ސިޓީގެ ދަރަޖަ ވީހާ އަވަހަކަށް އެ ރަށަށް ދެއްވުމަށް ކައުންސިލުން އެ މަނިކުފާނުގެ އަރިހުގައި ވަނީ ދަންނަވައިފަ އެވެ.
ރައީސް ސޯލިހު ތިނަދޫއަށް އަރާވަޑައިގެންނެވި ވަގުތު، އެމަނިކުފާނަށް މަރުހަބާ ކިޔަން ބަނދަރު ސަރަހައްދަށް އެއްވެ ތިބި އެންމެންހެން ވެސް ދައްކަނީ އެ ވާހަކަ އެވެ. "މިއީ ރަށެއް ނޫނޭ، އަހަރެމެން މިއީ ސިޓީ މީހުނޭ" ސަފު ހަދައިގެން ތިބި ޒުވާނުން އެއް އަޑަކުން ބުންޏެވެ.
ރައީސް ސޯލިހު ލ. އަތޮޅަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމާލުމަށް ފަހު ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވާނަމަ ތިނަދޫއަށް އެ ދަރަޖަ ދެއްވާނެ ކަމަށެވެ. އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގާނޫނު ބަދަލުކޮށް ތިނަދޫއަށް އެ ދަރަޖަ ދެއްވާނެ ކަމަށެވެ.
ރައީސް ސޯލިހު ރިޔާސީ ޕްރައިމަރީގައި މި ރަށަށް ވަޑައިގެންނެވި ދަތުރުގައި ވިދާޅުވީ ދެން ވަޑައިގަންނަވާނީ ތިނަދޫ ސިޓީއަށް ބަދަލު ކުރުމުގެ ރަސްމިއްޔާތަށް ކަމަށެވެ.

ސިޓީއެއްގައި ފުރިހަމަވާން ގާނޫނުގައި ބުނާ މިންގަނޑު
- ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10،000 އަށްވުރެ ދަށްނުވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރެވޭނެ ރަށަކަށް ވުން
- ޓާޝިއަރީ ހޮސްޕިޓަލެއް ހުރުން.
- ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތައުލީމު ހާސިލުކުރެވޭނެ މަރުކަޒެއް ގާއިމުވެފައިވުން.
- ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ގަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
- ސިޓީގައި ކޮމާޝަލް ހާބައެއްގެ ހިދުމަތް ލިބެން ހުރުން.
- ސިޓީގައި ބޭންކެއްގެ ހިދުމަތް ލިބެން ހުރުން.
ތިނަދޫއަކީ މުޅި ހުވަދު އަތޮޅުގެ އާބަން ސެންޓަރެވެ. މަތީ ތައުލީމުގެ ފުރުސަތުތައް އެބަ ހުއްޓެވެ. ބޭންކިންއާއި މުވާސަލާތީ ހިދުމަތްތައް ލިބެ އެވެ. ކެފޭ، ރެސްޓޯރަންޓް، އެކި މުދަލުގެ ވިޔަފާރިތައް ގިނަ އެވެ. ޓާޝަރީ ހޮސްޕިޓަލާއި، ކާގޯ ޕޯޓަކާއި، ފުޑް ސްޓޯރޭޖަކާއި، ގޭސް ޕްލާންޓެއްގެ މަސައްކަތް އެބަ ހިނގަ އެވެ.
ތިނަދޫ ސިޓީއަކަށް ވުމަށް އޮތް ހަމައެކަނި ހުރަހަކީ ރަޖިސްޓްރީގެ އާބާދީ އެވެ.
އެންމެ ފަހުން 2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކަނީ ވެސް އެ ރަށުގައި ދިރިއުޅޭ އާބާދީއަކީ 5،000 އެއްހާ މީހުނެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން އިން ވެސް ދައްކަނީ ރަށުގެ ރަޖިސްޓްރީގައި ހިމެނެނީ 7،906 މީހުންގެ އާބާދީއެކެވެ. ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީ 10،000 އަށް ވުރެ އިތުރެވެ
ތިނަދޫން އެދެނީ ސިޓީގެ ދަރަޖަ މިރޭ ދެއްވުމަށް
ތިނަދޫގައި ދިރިއުޅެން ބޭނުންވާ މީހުންނަށް ގޯތިދީ، ރަށްވެހިކަން އިތުރު ކުރުމުގެ ޕްރޮގްރާމެއް ވެސް މި ފަހުން ހިންގި އެވެ. ތިނަދޫގައި ދިރިއުޅެމުންދާ އަތޮޅު އެހެން ރަށްރަށުގެ މީހުން ތިނަދޫގެ ރަޖިސްޓްރީއަށް ބަދަލުވެސް ވި އެވެ. ކައުންސިލްގެ އަމާޒަށް އޭރު އޮތީ ރަށުގެ އާބާދީ 25،000 އަށް އެރުވުމަށެވެ.
ތިނަދޫ ކައުންސިލްގެ ރައީސް ސައުދު "އަދަދު" ނޫހަށް މިއަދު ވިދާޅުވީ އިދާރާތަކުގައި ކޮންމެ އަދަދެއް އޮތް ނަމަވެސް އެންމެ ފަހުން އެ ރަށުގައި ހިންގި ކޮވިޑް-19ގެ ވެކްސިން ޕްރޮގްރާމަށް ފަހު އެ ރަށުގައި 12،000 އެއްހާ މީހުން ދިރިއުޅޭ ކަން ވަނީ ރެކޯޑު ކުރެވިފަ އެވެ. ކައުންސިލްގައި އެ ލިޔެކިޔުންތައް އެބަ ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގދ. ތިނަދޫ ގައި ހަދާފައިވާ ފްލެޓުތައް. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
"ގާނޫނުގައި ބުނާ ޝަރުތުތައް ފުރިހަމަވާތީ، އަޅުގަނޑުމެން ކައުންސިލުން އެދުނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، (ޝަރުތުތައް ފުރިހަމަވުމަށް ފަހު) ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުން ދެން އޮންނާނީ، (ގާނޫނުތައް ބުނާ ގޮތުން)،" އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު ސައުދު ވިދާޅުވި އެވެ.
ލާމަޒުކަރީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވުމުން، އެ ރަށަކަށް ނުވަތަ ރަށްތަކެއް ހިމެނޭ ސަރަހައްދަކަށް ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ލިބިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އެ ކަން ކަނޑައަޅުއްވައި، އެމަނިކުފާނު ސޮއިކުރައްވައި ނެރުއްވާ ގަރާރަކުންނެވެ.
ބަނދަރު ސަރަހައްދުގައި ރައީސަށް މަރުހަބާ ކިޔަން ނުކުމެ ހުރި ލަތީފު، 61، ބުނީ މުޅި އަތޮޅު ބަރޯސާވާ ރަށަކަށް އެ ރަށް ވެފައިވާއިރު ސިޓީ ކައުންސިލަކަށް ލިބިދޭ ބާރުތައް އެ ރަށު ކައުންސިލަށް ވެސް ލިބުމުން މުޅި އަތޮޅަށް ވެސް ލިބޭނެ ކަމަށް އޭނާ ދެކޭ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް، މި ސިޓީއަކަށް ވުން، ސިޓީ ކައުންސިލެއް އޮތުން، ސީދާ ކައުންސިލުން ގިނަ މުނިސިޕަލްޓީ ހިދުމަތްތައް ދެވޭ ވަރަށް މި ތަނުގައި ކަންކަން ހަމަޖެހިފައިދޯ އޮންނަން ވާނީ،" އެމްޑީޕީ އުފެދުނީއްސުރެން އެ ޕާޓީގެ ހަރަކާތްތަކުގައި އުޅޭ ލަތީފު ބުންޏެވެ.
ރަށު މީހުން ތިބީ އެ އުންމީދުގަ އެވެ. ލަސްތަކެއް ނުވެ ތިނަދޫއަކީ ސިޓީއެއް ގޮތުގައި ހަމަޖެހުމެވެ. ސިޓީ ކައުންސިލަކަށް ލިބޭ ބާރުތަކާއެކު ތަރައްގީގެ އާ ހަރުފަތަކަށް ރަށް ގެންދިޔުމެވެ.













