އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެ ގަރާރު ބާތިލު ކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައަކީ އިންޑިއާ އައުޓް ހަަރަކާތް ހުއްޓުވަން ރައީސް ނެރުއްވި ގަރާރުގައި ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަންގާފައިވާ އެންގުންތަކަކީ ތަބާވާންޖެހޭ އެންގުންތަކެއް ނޫން ކަމަށާއި އެ ގަރާރުގައިވާ އަމުރުތަކަށް ތަބާނުވުމަކީ ގާނޫނުއަސާސީގެ 64 މާއްދާގެ ދަށުން ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށް ބުނެ އެ ގަރާރު ބާތިލު ކުރަން ހުށަހެޅި މައްސަލައެއެކެވެ.
އެއީ ރައީސަށް ލިބިގެންވާ ގާނޫނީ ބާރުގެ ބޭރުން ނެރުނު ގަރާރެއް ކަމަށް މައްސަލަ ހުށަހެޅި އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅުން އޮންނަ "ދިޔަރެސް" ނޫހުގެ ތިން ފައުންޑަރުންގެ ފަރާތުން ކޯޓުގައި ބުނެފައިވެ އެވެ.
އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ދުސްތޫރީ މައްސަލައެއް ކަމަށް ބެލޭނީ ގާނޫނުއަަސާސީއާއި ގާނޫނުތަކާއި ގާނޫނުތަކުގެ ދަށުން ހަދާ ގަވާއިދުތަކާއި އުސޫލުތަކާ ގުޅޭ މައްސަލަ ކަމަށްވާތީ މި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ.
ރައީސްގެ ގަރާރަކީ ގާނޫނެއް ނުވަތަ ގަވާއިދެއް ކަމަށް ވެސް ބެލެވެން ނެތް އިރު މިއީ ދުސްތޫރީި މައްސަލައަކަށް ނުވާނެ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ.

ހައި ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައިގައި ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ރައީސްގެ ގަރާރަކީ ގާނޫނެއްގެ ދަރަޖަ ދެވޭނެ އެއްޗެއް ނޫން ކަމަށާއި އެހެންވެ، އެއީ ދުސްތޫރީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި މި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އެހެންވެ، ގަރާރާ ބެހޭގޮތުން މައްސަލައިގައި ހުށަހަޅާފައިވާ ކަންކަން މައުލޫއީ ގޮތުން ބެލޭނެ ތަނެއް ނެތް ކަމަށް ވެސް ވެ އެވެ.
titledesc
މައްސަލަ ހުށަހެޅި ފަރާތްތަކުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި 1968 ވަނަ އަހަރުގެ އާންމު ގާނޫނުތަކެއް ގާނޫނުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަމްބަރުގައި، އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް އޮންނަ އޮތުން ގާނޫނުއަަސާސީއާ ހިލާފު ކަމަށް ބުނެ އެ ނަމްބަރު ބާތިލު ކުރަން އެދިފައިވެ އެވެ.
ބެންޗުގެ ހަތަރު ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ އެ ނަމްބަރު ގާނޫނުއަސާސީގެ 27 ވަނަ މާއްދާއާ ތައާރަޒުވާތީ އެ މާއްދާ ބާތިލު ކަމަށެވެ. އަދި އެ މާއްދާ ގޯސްކަމަށް ދައުލަތުން ވެސް ދެކޭކަން ޝަރީއަތުގައި ދެއްކި ވާހަކަތަކުން އެނގޭ ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ނަމްބަރު އެހެން އޮންނަތާ އަހަރުތަކެއްވެފައިވާއިރު ގާނޫނު އިސްލާހު ކުރުމަށް ދައުލަތަށް އިތުރަަށް ފުރުސަތު ދޭން ނުޖެހޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.
titledesc
މިކަމުގައި އާންމު ގާނޫނުތަކެއްގެ އެ ނަމްބަރު ބާތިލު ކުރުމާ މެދު ހިޔާލުތަފާތުވީ ހަމައެކަނި ފަނޑިޔާރު މުހައްމަދު ނިޔާޒު އެވެ.
ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މައްސަލައިގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ނިޔާޒުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް، ފަނޑިޔާރު އަހުމަދު ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
ރައީސް ނެރުއްވ ގަރާރުގައި ވަނީ "އިންޑިއާ އައުޓް" އެ ހަރަކާތަކީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރޭވިގެން ހިންގާ ކެމްޕޭނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެއީ ގައުމީ ސަލަމަތާ ގުޅުންހުރި ނުރައްކާތެރި ކަމެއް ކަމަށާއި ވަކި ގައުމަކާ ދެކޮޅަށް ހިންގޭ އެފަދަ ނަފުރަތު އުފެއްދުމުގެ ހަރަކާތްތައް ކަމާބެހޭ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ގަރާރުގައި ފާހަގަކުރެ އެވެ.
މި ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، އެ ގަރާރުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު ހަނި ކުރެވިގެންދާތީ ކަމަށް ބުނެ އެވެ.












