ވެރިކަންކުރާ އެމްޑީޕީ ދޫކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއި ކުރި ހުރިހާ މަޖިލިސް މެމްބަރުން އެ ޕާޓީއާ ގުޅުނުކަން މަޖިލީހުގެ އިދާރާއަށް އަންގައިފި އެވެ.
އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ހަސަން ލަތީފު "އަދަދު" އަށް ވިދާޅުވީ، މިހާރު ހުރިހާ މެންބަރުން ޕާޓީއާ ގުޅުނުކަން މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
"ހުރިހާ މެންބަރުންވެސް އަންގާފައިވާނީ މިހާރު،" ހަސަން ލަތީފު ވިދާޅުވި އެވެ.
ޗުއްޓީއަށްފަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުނުއިރު ޕާޓީ ބަދަލުވިކަން މަޖިލީހުގެ އިދާރާއަށް އަންގާފައިވަނީ ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅުނު 14 މެމްބަރުންގެ ތެރެއިން ތިން މެމްބަރަކެވެ.
އެއީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ، އަދި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އެވެ.

މި ހަފުތާގައި މަޖިލީހުން އިއްޔެ އަދި މިއަދު ބާއްވަން އުޅުނު ޖަލްސާ ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ބޭއްވޭ ގޮތް ނުވެފަ އެވެ.
ޑިމޮކްރެޓްސްއާ ގުޅި ޗުއްޓީ ނިމުނުއިރު ނޭންގި މެންބަރުން
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން ލަތީފު
ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު
މި މެމްބަރުންގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފު އާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ސިޔާން ވެސް އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓުންނާ ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ޔާސިރު އަދި ސިޔާން ވަނީ އެމްޑީޕީއަށް ސޮއިކުރައްވާފަ އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މެމްބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މަޖިލީހުގެ ދަފްތަރަށް ބަދަލުގެނެވޭނީ އެ މެމްބަރަކު އަދި އިލެކްޝަންސް ކޮމިޝަނުން އެކަން އަންގާ ލިޔުންތައް ހުށަހެޅުމުންނެވެ.
ޑިމޮކްރެޓްސް އަކީ، މިދިޔަ ޖެނުއަރީ 28، ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން ސަރުކާރާ ދެކޮޅަށް ޕާޓީ ތެރޭގައި މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ފިޔަވަޅު އަޅަން ފެށުމުން އުފެއްދި ޕާޓީއެކެވެ.












