ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަންނަވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދިން މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި އެވެ.
ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރަން ކަރެކްޝަންސްއިން ހުއްދަ ދިނުމުން އޭނާ ފުރީ ޖުލައި 12 ވަނަ ދުވަހު އެވެ. އޭރު ދިން 10 ދުވަހުގެ މުއްދަތު އިތުރުކުރަން އަދީބު އެދުމުން މި މަހުގެ ނިޔަލަށް މީގެ ކުރިން މުއްދަތު އިތުރުކޮށްދީފައިވެ އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލަކު މިއަދު "އަދަދު"އަށް ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާ ވެސް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ. މުއްދަތު އިތުރުކޮށްދިނީ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަރެކްޝަންސްއިން މީގެ ކުރިން ބުނެފައި ވަނީ އަދީބު ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަ ދިނީ މެޑިކަލް ބޯޑްގެ ލަފަޔާ އެކުގައި ކަމަށެވެ.
އޭނާ ރާއްޖެއިން ބޭރަށް ފޮނުވީ އަނބުރާ ގެނެވޭނެކަން ކަށަވަރުވާ ގޮތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން، އެނާ ފޮނުވީ ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއްގެ ދަށުން ކަމަށާއި އޭނާއާއެކު ސެކިއުރިޓީ އޮފިސަރުން ވެސް ދާނެ ކަމަށް ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ހިޔާނާތްތެރިވިކަމުގެ ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލީ އޭނާ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ.
ޖަލު ހުކުމެއް އޮތަސް އަދީބު ޖަލުން ގެއަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތާ ގުޅުވައިގެންނެވެ. އޭނާގެ ޖަލުހުކުމް ގޭބަންދުގައި ފުރިހަމަ ކުރަން ދޫކޮށްފައި ބަހައްޓާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ ފާޑުކިއުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ އޭނާ ގެއަށް ބަދަލުކުރީ ނިދާ އިރު މެޝިނެއް ބޭނުންކުރަން ޖެހޭތީ ކަމަށެވެ.













