މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އަސާސީ މުސާރައިގެ 35 އިންސައްތަ، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި ހުރިހާ މެޖިސްޓްރޭޓް ކޯޓެއްގެ މުވައްޒަފުންނަށް ހަމަޖައްސައިދީފައިވާ ކަމަށެވެ.
މި ބަދަލަކީ، މީގެ ހަތް އަހަރު ކުރިން، 2015 އަށް ފަހު މެޖިސްޓްރޭޓް ކޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް މިފަދަ ބަދަލެއް ގެނެވުނު ފުރަތަމަ ފަހަރެވެ.
މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން އެންމެ 11 މެޖިސްޓްރޭޓް ކޯޓަށެވެ.
ގެނެވުނު ބަދަލަށް ފަހު، 187 މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރާ 800 އަށް ވުރެ ގިނަ މުވައްޒަފުންނަށް އާ އޮނިގަނޑުގެ ޖުޑީޝަލް އެލަވަންސް ލިބޭނެ އެވެ.














