އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މާޒީއިން ފެންނަނީ ކަންކަން ނުކޮށްދިން މަންޒަރު ކަމަށާއި ވެރިކަމަށް ވަޑައިގެންނެވިޔަސް އެކަން ބަދަލުނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަން ތ. ހިރިލަންދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ރަށުގެ ބިން ނުހިއްކޭނެ ކަމަށް މީގެ ކުރިން މުއިއްޒު ލަފާ ދެއްވާފައިވާ ކަމަށެވެ.
"[ހިރިލަންދޫގެ ބިން ހިއްކުމަށް ރައްޔިތުން އެދުމުން] ރައީސް ޔާމީން އެ ދުވަހު ދެއްވި ޖަވާބު... ވިދާޅުވި ކަމަށް ވަނީ މިރަށުގެ ފުއްޓަރުފަރާތަށް އަރާ ރަާޅުގެ ސަބަބުން ބިން ހިއްކޭކަށް ނެތޭ. އެހެންވީމާ ތިމަންނައަށް މިކަންވާކަށް ނެތޭ. އެއިރު ލަފާ ދެއްވީ ޕްލޭނިން މިނިސްޓަރު [މުއިއްޒު]،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕްލޭނިން މިނިސްޓަރަކަށް ހުންނަވައި ޕްރޮޖެކްޓުތައް ނުހިންގޭނެ ކަމަށް ވިދާޅުވާ ބޭފުޅުން ވެރިކަމަށް ވަޑައިގެންނެވި ނަމަވެސް ކަންކަން ނުކުރައްވާނެ ކަމަށެވެ.
"އެބޭފުޅާއަށް ވެރިކަމަށް ވަޑައިގަނެވިއްޖެ ނަމަ ދެން ކަންވެގެންދާނެ ގޮތް ދިޔަ ބޭފުޅުން ވިސްނަވާ. މިއިން ރަށެއްގައި ހިއްކާނެ ބިމެއް ނޯންނާނެ. ނުހިއްކޭނެއޭ ވިދާޅުވާނީ. ބަނދަރެއް ނުހެދޭނެއޭ ވިދާޅުވާނީ. ފެނާ ނަރުދަމާއެއް ނޭޅޭނެއޭ ވިދާޅުވާނީ... މިތަން ހަރުކަމުން ނުކޮނެވޭނެއޭ. ބަނދަރުގައި އޮތީ ގަލޭ، އެތަނެއް ނުނެގޭނެއޭ. ވިލެއް ފުނެއް ނުކުރެވޭނެއޭ. ހަމައެކަނި ކަންކުރެވެން އެބޭފުޅުންނަށް ފެންނަނީ އެންމެ ތަނެއް،" ރައީސް ވިދާޅުވި އެވެ.

މުއިއްޒަކީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމް އާއި ޕީއެންސީގެ ކެންޑިޑޭޓެވެ. މުއިއްޒު ވާދަ ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ކުރިމަތިނުލެއްވޭނެ ކަމަށް ކޯޓުން ކަނޑައެޅުމުންނެވެ.










